22 Jan 2014, 12:57
ދަތުގެ މަޝްހޫރު ދިވެހި ޑޮކްޓަރު ޑރ. އިބްރާހީމް ދީދީ (ދަތު ޑީޑީ)ގެ ކްލިނިކެއް އައްޑޫ ސިޓީ ހުޅުމީދޫގައި ހުޅުވައިފި އެވެ.
"ޑރ. ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރު"ގެ ނަމުގައި މިދިޔަ ހޯމަ ދުވަހު އެ ކްލިނިކް އޭނާގެ އުފަން ރަށް، ހުޅުމީދޫގައި ހުޅުވައި ދެއްވީ އައްޑު އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ މޫސާ ލުތުފީ އެވެ.
އައްޑޫ ސިޓީގައި ހުޅުވި ކްލިނިކާ ބެހޭ ގޮތުން "ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވީ އައްޑޫ ސިޓީގައި އޭނާގެ ކްލިނިކެއް ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމުކޮށްދެއްވުން ކަމަށެވެ.
"އަޅުގަނޑުގެ އުފަން އަތޮޅު އަދި ވަކިން ހާއްސަކޮށް އުފަން ރަށް ހުޅުމީދޫގައި އަޅުގަނޑުގެ ކްލިނިކެއް ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭސްފަރުވާ ލިބޭނެ ނިޒާމެއް ގާއިމް ކުރުން،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އޭނާ އައްޑޫ ސިޓީގައި ހުޅުވި ކްލިނިކުން ދަތުގެ ހިދުމަތުގެ އިތުރުން އާންމު ބަލިތަކަށް ވެސް ފަރުވާ ދެއްވާނެ ކަމަށެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އާސަންދައިގެ ހިދުމަތް އޭނާގެ ކްލިނިކުން ދިނުމަށް ޓަކައި އެކަމަށް ވާނީ ހެލްތު މިނިސްޓްރީގައި ދަންނަވާފައި ކަމަށެވެ. އަދި އާސަންދައިގެ ހިދުމަތް ލިބެންދެން ކްލިނިކުންދޭ ހިދުމަތުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޑީޑީ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުވި ކްލިނިކްގައި އޭނާ ވެސް ބަލި މީހުންނަށް ފަރުވާ ދެއްވާނެ ކަމަށެވެ. އެގޮތުން ހަފްތާއަކު އެއް ފަހަރު ނުވަތަ މަހަކު އެއްފަހަރު އޭނާ ކްލިނިކުގައި ހިދުމަތް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.