ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލައިޓްތަކުގެ މައުލޫމާތު ސެޓްލައިޓް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތެއް ކަމުގައިވާ އޮޓޮމެޓިކް ޑިޕެންޑެންޓް ސަވައިލަންސް ބްރޮޑްކާސްޓް (އޭޑީއެސްބީ) ގެ ހިދުމަތް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ގާއިމްކޮށްފި އެވެ.

ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އެހިދުމަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.

އޭޑީއެސްބީގެ ހިދުމަތް ތައާރަފްކުރުމާއެކު ސެޓްލައިޓް މެދުވެރިކޮށް ގިނަ އަދަދެއްގެ ފުލައިޓްތައް ދަތުރުކުރާ މިންވަރާއި ދަތުރުކުރާ ދުވެލީގެ އިތުރުން މިސްރާބާއި އެބޯޓާއި ބެހޭ ގިނަ މައުލޫމާތްތަކެއް ފަސޭހަކަމާއެކު ވަގުތުންވަގުތަށް ކޮންޓްރޯލަށް ހޯދައިލެވޭނެ އެވެ. އަދި އެސިސްޓަމަކީ މިހާރު ބޭނުންކުރާ ރާޑާ ސިސްޓަމާއި އަޅާބަލާއި އެތައް ގުނައެއް އަގުހެޔޮ ސިސްޓަމެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެހަފްލާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އޭޑީއެސްބީ ތައާރަފްކުރެވުމަކީ އޭވިއޭޝަން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކުރިއަށް ކުރިއަށް އޮތްތަނުގައިވެސް އެމްއޭސީއެލްގެ ފަރާތުން އެއާޕޯޓްގައި އެފަދަ ޓެކްނޮލޮޖީތައް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ދުނިޔޭގެ އެހެން ތަހުޒީބީ ގައުމުތައް ފަދައިން އެއާކޮންޓްރޯލް ކުރުމުގެ ފުރުސަތު މިއަދު އަޅުގަނޑުމެނަށް ލިބިގެން މިދިޔައީ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއްފަދަ ފެންވަރެއްގައި ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ މިހާތަނަށް ނެތް ނަމަވެސް ފަސް އަހަރުގެ ޕުލޭންގެ ތެރެއިން ދުނިޔޭގެ ތަހުޒީބީ ގައުމުތަކެކޭ އެއްވަރަށް ރާއްޖޭގެ އޭވިއޭޝަން ޓެކްނޮލެޖީގެ ފެންވަރު ވެސް ގެންދާނެ ކަމަށެވެ. އަދި އެ ޕްލޭންތައް މަހެއްހާ ދުވަހުގެ ތެރޭގައި ހާމަކުރެވިގެންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލްގެ ޖެނެރަލް މެނޭޖާ އިބްރާހިމް ތޯހާ ވިދާޅުވީ މިހާރު ރާޑާ ސިސްޓަމް ބޭނުން ކުރާއިރު ކަވާ ކުރެވެނީ އެއާ ސްޕޭސްއިން ކުޑަމިންވަރެއް ކަމަށާއި އޭޑީއެސްބީ ތައާރަފްކުރެވުމާއި އެކު ވަރަށް ބޮޑު ބައެއް ކުޑަހަރަދަކުން ކަވަރުކުރެވިގެންދާނެ ކަމަށެވެ. އަދި އޭޑީއެސްބީގެ ހަތަރު ގުރައުންޑް ސެންޓަރެއް ރާއްޖޭގެ ހަތަރު ސަރަހެއްދައި ގާއިމްކޮށްފައިވާއިރު ކުރިއަށްއޮތްތަނުގައި އިތުރު ސަރަހައްދުތަކުގައި ވެސް މި ސިސްޓަމް ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ބައެއް މަތިންދާބޯތްތަކުގައި އޭޑީއެސްބީ ސިސްޓަމެއް ނެތް، ނަމަވެސް ރާއްޖެއަށް ދަތުރުކުރާ 80 ޕަސެންޓް ވަރު ބޯޓްތަކުގައި އެބަހުރި އޭޑީއެސްބީ،" ތޯހާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ 2018 އިން ފެށިގެން ރާއްޖޭގެ ވައިގެ ސަރަހައްދުގައި ދަތުރުކުރާ ހުރިހާ ފުލައިޓެއްގައި އޭޑީއެސްބީ ހުންނަންޖެހޭނެ ކަމަށެވެ.

އޭޑީއެސްބީ ގެ ހިދުމަތަކީ ޔޫރަޕާއި އެމެރިކާފަދަ ގިނަ ގައުމުތަކުގެ އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ހިދުމަތެކެވެ. ނަމަވެސް މިސަރަހައްދުގެ ގައުމުތަކުގައި އެޓެކްނޮލޮޖީ ބޭނުންކުރަނީ ވަރަށް މަދުންނެވެ.