22 Jan 2014, 12:36
ދެކުނު ކޮރެއާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގައިފި އެވެ.
މި ވައްކަން ކޮށްފައި ވަނީ އާއްމުންގެ ދަރަނި ދިރާސާކޮށް ދަރަންޏަށް ޕޮއިންޓް ދޭ، ނުވަތަ “ކްރެޑިޓް ރޭޓިން” ކުންފުންޏެއް ކަމަށްވާ ކޮރެއާ ކްރެޑިޓް ބިއުރޯގައި އުޅޭ މުއައްޒިފަކެވެ.
ކޮރެއާ ކްރެޑިޓް ބިއުރޯގައި ކޮމްޕިއުޓަރު އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މި މީހާ ވަނީ 20 މިލިއަނަށް ވުރެ ގިނަ އާއްމުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގައިފަ އެވެ. މިކަން ކޮށްފައި ވަނީ ކޮރެއާ ކްރެޑިޓް ބިއުރޯ ގެ ކޮމްޕިއުޓަރު ނެޓްވާކްގެ ތެރެއަށް ވަދެ، ޔޫއެސްބީ ޑްރައިވަކަށް މި މައުލޫމާތުތައް އަޅައިގެންނެވެ. މީނާ ވަނީ މި މައުލޫމާތު ތައް މާކެޓިން ކުންފުންޏަކަށް ވިއްކައިލައިފަ އެވެ.
ވަގަށް ނެގި މައުލޫމާތު ތަކަކީ ދެކުނު ކޮރެއާގައި ކްރެޑިޓް ކާޑުގެ ހިދުމަތްދޭ އެންމެ ބޮޑު 3 ކުންފުނިން ކޮރެއާ ކްރެޑިޓް ބިއުރޯ އަށް ދޫކޮށްފައިވާ މައުލޫމާތު ތަކެކެވެ. މީގެ ތެރޭގައި ކަސްޓަމަރުންގެ ނަމާ، އެޑްރެހާ، އައިޑީކާޑު ނަމްބަރާ، ކްރެޑިޓް ކާޑުގައިވާ އެހެނިހެން މައުލޫމާތުތައް ހިމެނެ އެވެ.
ފުލުހުން ވަނީ ވައްކަން ކުރި މީހާއާ އެކު މައުލޫމާތުތައް ގަނެފައިވާ މާކެޓިން ކުންފުނީގެ މެނޭޖަރުން ވެސް ހައްޔަރުކޮށްފަ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ.
މި މައްސަލައާ ގުޅިގެން ދެކުނު ކޮރެއާގައި ކްރެޑިޓް ކާޑުގެ ހިދުމަތްދޭ އެންމެ ބޮޑު 3 ކުންފުނިން ވަނީ ކަސްޓަމަރުންގެ ފަރާތުން މާފަށް އެދިފައެވެ. މި ވައްކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުމަކަށް ކްރެޑިޓްކާޑް ކުންފުނިތަކުން ބަދަލުދޭނެކަން ވަނީ އެ ގައުމުގެ ގައުމީ ފައިނޭންޝަލް ރެގިއުލޭޓަރު ކަށަވަރުކޮށްދީފަ އެވެ.
އާއްމުންގެ ޒާތީ މައުލޫމާތު ތަކަކީ މާކެޓިން، އަދި އެނޫން ވެސް ކުންފުނިތަކުން ބޮޑު އަގުގައި ގަންނަ މައުލޫމާތު ތަކެކެވެ. އެހެން ކަމުން ފަހަކަށް އައިސް ބޭންކުތަކާ އަދި އެނޫން ވެސް މިފަދަ މައުލޫމާތުތައް ރައްކާ ކުރާ ކުންފުނިތައް ވަނީ ހެކް ކުރާ މީހުންނާ ވަގުންގެ ޝިކާރައަކަށް ވާން ފަށައިފަ އެވެ.