22 Jan 2014, 12:30
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ އަށް ކުރިމަތިލެއްވުމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ ކެމްޕޭން އޮފީހުގެ ބިއްލޫރި ގަނޑެއް ރޭ ތަޅާލައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރުކުމާ މިއަދު ވިދާޅުވީ ކެމްޕޭން އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ފަތިސްނަމާދުގެ ފަހުން ކަމަށެވެ.
އޭނާ ވިދާޅުވީ ކެމްޕޭން އޮފީސް ރޭ ބަންދުކުރީ 2:45 ހާއިރު ކަމަށާއި އެވަގުތު އެކަހަލަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށެވެ.
ޕްރައިމަރީ ކެމްޕޭންގައި ބަޔަކު އޭނައާ ޖައްސާލައިގެން އުޅޭ ކަމަށާއި އެއީ އޭނައާ ދެކޮޅަށް އެންޓި ކެމްޕޭން ކުރާ ބަޔަކު ކުރި ކަމެއް ކަމަށް ރުކުމާ ވިދާޅުވި އެވެ.
"ބަޔަކު އަޅުގަނޑާ ޖައްސާލައިގެން އުޅެނީ. އޭގެ ރޯޅި އެއީ. އަޅުގަނޑާ ދެކޮޅަށް އެންޓި ކެންޕޭން ވެސް ކުރޭ،" ރުކުމާ ވިދާޅުވި އެވެ.
ކެމްޕޭން އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް އެތަނަށްދީފައެއް ނުވެ އެވެ.
ރުކުމާ ވިދާޅުވީ ކެމްޕޭން އޮފީހުގެ ބިއްލޫރިގަނޑެއް ތަޅިކަން އެނގިވަޑައި ގަތީ މެންދުރުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެންދުރު 12:30އާ ހަމައަށް އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.