22 Jan 2014, 12:28
ރާއްޖެ އާއި އިންޑިއާ ދެމެދު ގާއިމްވެފައިވާ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލަށް ތައްޔާރުވުމުގެ ގޮތުން ފާހަގަކުރަމުން އަންނަ "ދޯސްތީ-އެކުވެރިކަން ހަފްތާ"ގެ ތެރޭގައި ހިމެނޭ އިންޑިއާގެ ކާބޯތަކެތީގެ ފެސްޓިވަލް ރޭ ޓްރޭޑާސް ހޮޓެލްގައި ފަށައިފި އެވެ.
އިންޑިއަން ހައިކޮމިޝަނުން އިސްނައިގެން ރޭ ޓްރޭޑާސް ހޮޓެލްގައި ފެށި އެ ފެސްޓިވަލް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ އެވެ.
އެ ރަސްމިއްޔާތުގައި ރޭ ސްރީލަންކާ އާއި ޕާކިސްތާން ހައިކޮމިޝަންގެ އޮފިޝަލުންނާއި ޗައިނާގެ އެމްބެސެޑަރުގެ އިތުރުން ޔޫއެންޑީޕީގެ އޮފިޝަލުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.
އިންޑިއަން ހައިކޮމިޝަނުން ބުނީ ރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް އެ ފެސްޓިވަލް ކުރިއަށްދާނެ ކަމަށެވެ. ފެސްޓިވަލް ހުޅުވުމުގެ ރޭ ހާއްސަކޮށްފައި ވަނީ ޕަންޖާބީ ކެއުންތަކަށް ހާއްސަކޮށްގެންނެވެ. އިންޑިއާގެ ހާއްސަ ސެފުން ގެނެސްގެން ކުރިއަށް ގެންދާ މި ފެސްޓިވަލް ކުރިއަށްދަނީ ބުފޭ ސްޓައިލަށެވެ. ބުފޭގެ އަގަކީ 300 ރުފިޔާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
ޓްރޭޑާސް ހޮޓެލްގައި ކުރިއަށްދާ މި ފެސްޓިވަލްގައި ކޮންމެ ރެއަކު ވެސް އިންޑިއާގެ ތަފާތު ސަރަހައްދުތަކުގައި ހާއްސަ ކެއުންތަކުގެ އަޒުމަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން މިރޭ ސައުތް އިންޑިއަން ކެއުންތަކަށް ވަނީ ހާއްސަކޮށްފަ އެވެ. އަދި އަވާދީ (ސެންޓްރަލް އިންޑިއާ) ކެއުމާއި ބެންގާލީ ކެއުންތައް ވެސް ކުރިއަށް އޮތްތާގައި ފެސްޓިވަލުގައި ހިމެނިގެންދާނެ އެވެ.
މީގެ އިތުރުން ކޮންމެ ރެއަކު ވެސް އެ ސަރަހައްދަކާ ގުޅުން ހުރި ސަގާފީ ހަރަކާތްތައް ފެނިގެންދާނެ އެވެ.