14 Dec 2010, 04:32
އިސްރާއީލުން އިއްޔެ ފަލަސްތީނުގެ ހަތްގެއެއް ތަޅައި ބިމާ ހަމަކޮށްލައިފި އެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ އައްލައްދުގައިވާ މިގެތައް ތަޅާލީ އިސްރާއީލުގެ އިސްތިޢްމާރީ އިދާރާގެ ހުއްދައަކާނުލާ މިގެތައް ބިނާކުރުމުން ކަމަށް އިސްރާއީލުގެ ފުލުހުން ބުނެ އެވެ. ނާބްލްސްގެ ކައިރީގައިވާ ވިލެޖެއްގައިވާ ފަލަސްތީނުގެ އެތަށް ގެއަކާއި ގުދަންތަކެއްވެސް މީގެ ހައެއްކަ ދުވަސްކުރިންވެސް ބުލްޑޯޒަރ ބޭނުންކޮށްގެން އިސްރާއީލުގެ ފުލުހުންވަނީ ތަޅާލާފައެވެ. މިގެތައް ތަޅާލުމުން މިގެތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ޢާއިލާތައް މަގުމަތިވެ ވަންނާނެތަނެއް ނެތި ގިނަޢަދަދެއްގެ ތުއްތުކުދިންނާއި އަންހެނުން ގަދަ ފިނީގައި މަގުތައްމަތީ ތިބި ކަމަށް އަލްޖަޒީރާ ޚަބަރުދެ އެވެ. ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި ހުޅަނގު އައްސޭރީގެ ރައްތަކުން އެތަށްހާސް ގެއެއް އިސްރާއީލުން ތަޅައި ބިމާހަމަކޮށްލާފައިވެ އެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ފަލަސްތީނުގެ ފަސްރަށަކުން ފަސްދޮޅަސްހާސް ގެ ތަޅާލާނެކަމުގެ އިންޒާރުގެ ނޯޓިސް އިސްރާއީލުން މިހާރުވެސް ދީފައިވާ ކަމަށް އަލްޖަޒީރާ ބުނެ އެވެ. ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ގެދޮރު ބިނާކުރުމަށް އެދި ދެހާސް ވަނަ އަހަރުން ދެހާސް ހަތްވަނަ އަހަރާދެމެދު ފަލަސްތީނުގެ ރައްޔިތުން ހުށަހަޅާފައިވާ ހުށަހެޅުން ތަކުގެ ނުވަދިހަ ހަތަރެއް އިންސައްތަ އަށް އިސްރާއީލު ދެކޮޅުހަދާފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ހާމަކުރެ އެވެ. ފަލަސްތީނު މީހުންބުނާގޮތުގައި އިސްރާއީލުގެ އިސްތިޢްމާރީ އިދާރާގެ ހުއްދައަކާނުލައި ގެދޮރު ބިނާކުރަން އެމީހުންނަށް މަޖްބުރުވަނީ އެމީހުންގެ އަމިއްލަ ބިމުގައި ގެދޮރު އަޅާނެތަނެއް ހޯދުމަށް އެދި އިސްރާއީލުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުން އެކަމަށް ހުއްދަނުދޭތީ އެވެ. އިސްރާއީލުން ގެންދަނީ ދުނިޔޭގެ އެކި ޤައުމުތަކުން ޔަހޫދީން ގެނަސް ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވައި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގަމުންނެވެ. ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރިކުރުވަނީ ދާއިމީ ގޮތަކަށް މިބިންތައް އަތްދަށުލުމުގެ އިސްތިޢްމާރީ މަޤްސަދްގައި ކަމަށް ފަލަސްތީނުން ބުނެ އެވެ. އދ. ންވަނީ އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޢަމަލަކީ ޣައިރު ޤާނޫނީ ޢަމަލެއް ކަމަށް ސިފަކޮށްފަ އެވެ.