މަސައްކަތު ފެންވަރު ދަށް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގޮތަށް ގާވާއިދެއް ފާސްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފައިވާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ވަޒަންކުރުމުގެ ގަވާއިދުގައި ފަނޑިޔާރަކު މުސްކުޅި ކުރުމަށް ނުވަތަ ފަނޑިޔާރު ކަމުގެ ވަޒީފާ ފިޔަވައި ޝަރުއީ ދާއިރާގެ އެހެން ވަޒީފާ އަކަށް ބަދަލުކުރުމަށް ޓަކައި މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެގަވާއިދު ބުނާގޮތުން އެގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނީ ފަނޑިޔާރުންގެ ގާބިލްކަމާއި މަސައްކަތު ފެންވަރު ވަޒަން ކުރުމުން، ފަނޑިޔާރަކަށް ޖެހިޖެހިގެން ދެފަހަރު ގާބިލްކަން މެދުމިނަށް ވުރެ ދަށް ކަމަށް ނަތީޖާ ލިބިއްޖެ ނަމަ އެވެ. އަދި އެކަން ކުރަންޖެހޭނީ ފަނޑިޔާރުގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ކުރި ކޮމެޓީން އެކުލަވާލާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ފަނޑިޔާރުގެ މަސައްކަތު ފެންވަރާއި ގާބިލްކަން ވަޒަންކޮށް ނިންމާ ރިޕޯޓު ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރަކަށް ފޮނުވަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ. އަދި އެ ރިޕޯޓުގައި ނިންމާފައިވާ ނިންމުމާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާނަމަ 30 ދުވަހުގެ ތެރޭގައި ލިޔުމުން އެކަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.