22 Jan 2014, 10:44
ރާއްޖޭގައި ލައިސަންސް ނެތި ރީ ބްރޮޑްކާސްޓް ކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ބްރޯޑްކާސްޓިން ކޮމިޝަނާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
އިއްޔެ ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބޮރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ގާނޫނީ އިމުގެ ބޭރުން ރީބްރޯޑްކާސްޓް ކުރަމުން ގެންދާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ބައެއް ރަށްރަށުގައި އެ ކޮމިޝަންގެ ހުއްދަ ނެތި ބޮޑު އަގުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުން ފަދަ ކަންކަން ކުރަމުންދާކަން ފާހަގަކުރައްވައި އެފަދަ ކަންތައްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ބްރޮޑްކާސްޓިންގް ކޮމިޝަނުން ވަނީ، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ހުރިހާ ފަރާތްތަކަށް ބާރުއެޅުމުގެ ގޮތުން އެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއް ވެސް ރަޖިސްޓްރީ ކުރަން ޖެހޭކަން އެ ކޮމިޝަނުން އިޢުލާނުކޮށް އެކަމަށް ވަގުތު ދިނުމަށް ފަހު ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވައި ރަޖިސްޓްރީ ނުކުރަނީސް އެ ޚިދުމަތް އަލުން ނުދެވޭނެ ގޮތަކަށް އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ވެސް ފުލުހުންގެ ކިބައިން އެދިފަ އެވެ.
އެފަދަ މައްސަލަތަކެއް އެ ކޮމިޝަނުން ފުލުހުންނަށް ހުށަހެޅުމުން، ފުލުހުންގެ ފަރާތުން އެ ކޮމިޝަނަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ގަވާއިދާ ހިލާފަށް ރީ ބްރޯޑްކާސްޓް ކުރާ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އެކޮމިޝަނަށް ދީފަ އެވެ.
އަދި މިމަސައްކަތް ކުރިޔަށް ގެންދިއުމަށް މިހާރު ކޮމިޝަނުން އެކުލަވާލާފައިވާ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހު ގެނެސް ވީއެންމެ އަވަހަކަށް ރައްޔިތުންނަށް އެކަން އެންގުމަށް ފުލުހުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގައި އެދިފަ އެވެ.
އިއްޔެ އޮތް އެބައްދަލުކުރުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްވެރިންނާއި ފުލުހުންގެ ބައެއް އިސްފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.