ސްރީލަންކާގައި ކިޔަވަމުންދާ ދިވެހި ކުދިންނަށާއި، ބޭސްފަރުވާއަށްދާ ދިވެހިންނަށް ސްރީލަންކާ ސަރުކާރުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ސްރީލަންކާގެ މިނިސްޓަރު އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރު ޖީއެލް ޕީރިސް އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮލަމްބޯގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓެލްގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އިއުލާނު ކުރެއްވި އާ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކުގައި އުޅެމުންދާ ދިވެހިންނަށް ލިބެންޖެހޭ އެކިއެކި ޚިދުމަތްތަކާއި އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދިވެހިން ގިނައިން ދިރިއުޅޭ އެމްބަސީތައް މެދުވެރިކޮށް، މިޚިދްމަތްތައް ފަސޭހައިން ލިބޭނެގޮތްތައް ހަމަޖެއްސެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެ، ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހި ކުދިން ކިޔަވަމުން ގެންދާކަމާއި، އަދި ބޭސްފަރުވާއަށްވެސް ދިވެހިން ވަރަށް ގިނައިން ސްރީލަންކާއަށް ޒިޔާރަތް ކުރާކަން ފާހަގަކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރާއިރު އަދި ލަންކާ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށްދާ ދިވެހިންނަށް، ފަސޭހަކަމާއެކު ޚިދްމަތް ލިބިދިނުމުގަޔާއި އަދި ކިޔަވަމުންދާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ލިބިދިނުމުގައި ސްރީލަންކާ ސަރުކާރުގެ އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ސްރީލަންކާގެ މިނިސްޓަރު އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރު ޖީއެލް ޕީރިސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަންކަމުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަކީ އަބަދުވެސް ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި، ވަރަށްގިނަ ކަންތައްތަކުގައި ސްރީލަންކާއާ ޚިޔާލު އެއްގޮތް ގައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިމާވާ އެކި ކަންކަމުގައި، ދެގައުމުންވެސް އެހީތެރިކަން ފޯރުވައިދެމުން ގެންދާ ކަމަށް ވިދާޅުވެ، މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާއަށް ބައިނަލްއަގުވާމީ މައިދާނުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވި ވަގުތު، ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރަށް ދެއްވި އެއްބާރުލެއްވުން، ޚާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ޕްރޮފެސަރު ޕީރިސް ބައްލަވައިލައްވަމުން، މިގުޅުން ވަރަށްގިނަ ދާއިރާތަކުން އިތުރަށް ހަރުދަނާ ކުރެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ސިއްޙީ އަދި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ކަމަށާއި، އަދި ދެގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ފުޅާކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރޮފެސަރ ޖީއެލް ޕީރިސްގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބަށްފަހު، ރާއްޖޭގައި އަމާން ވެށްޓެއް ގާއިމްކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް ބައްލަވައިލައްވަމުން، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއަށް ވަރަށް އަވަސް ދުވެއްޔެއްގައި ހަލުއި ކުރިއެރުންތައް އަންނާނެ ކަމުގެ ޔަގީންކަން އޮތް ސަބަބެއް ކަމުގައި ވިދާޅުވިއެވެ. އަދި ސްރީލަންކާގައި ހިނގި ހަނގުރާމައަށްފަހު، އެގައުމުންވެސް ވަނީ މި ތަޖުރިބާތައް ކޮށްފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.