ވޮޝިންޓަން (ޖަނަވަރީ 22): ސޫރިޔާ ސަރުކާރުން އެގައުމުގެ ޖަލުތަކުގައި އެތައް ހާސްބަޔަކާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށްބުނާ ރިޕޯޓަކާ ގުޅިގެން "ޝޮކެއް" ލިބިއްޖެ ކަމަށް ބުނެ އެމެރިކާ އާއި އދ. ން ވާހަކަ ދައްކައިފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ މޭރީ ހާފް ވިދާޅުވީ މި ރިޕޯޓްގައި ސޫރިޔާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ 11 މީހުންނަށް އިންސާނިއްޔަތާ ޚިލާފު އެކިބާވަތުގެ އަނިޔާތައް ވަކި އިންތިޒާމެއްގެ ދަށުން ސިސްޓަމެޓިކްކޮށް ދީފައިވާކަމާއި އެކަމުގެ ފޮޓޯތައް ވެސް ހާމަކޮށްފައިވާ ކަމުގަ އެވެ. މި ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އިންސާނިއްޔަތާ ޚިލާފު އެކިބާވަތުގެ އަނިޔާތަކާއި ޖަރީމާތައް ތަހްގީގުކުރާ އދ.ގެ ކުރީގެ ތަޖްރިބާކާރުންތަކެއް ކަމަށް ޚަބަރުލިބެ އެވެ. މިފޮޓޯތައް ނަގައި އަދި އެތަކެތި ލީކުކޮށްލާފައި ވަނީ ސޫރިޔާ ފުލުހުންގެ ތެރޭގައި ހިމެނޭ ސަރުކާރާ އދިކޮޅު މީހެއްކަމަށްވެ އެވެ.

ސޫރިޔާގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތައް ބަލައި ތަހްގީގްކުރާ އދ.ގެ މުހައްގިގުން މިފޮޓޯތައް ބެއްލެވުމަށް ފަހު ވިދާޅުވެފައި ވަނީ ނާޒީ ޖަރުމަނުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަސީރުންނާ ހިންގާފައިވާ ފަދަ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ސޫރިޔާގެ ސަލާމަތީ ބާރުތަކުން އެގައުމުގެ ޖަލުތަކުގައިވާ އަސީރުންނާ މެދު ވެސް ހިންގާފައިވާކަމުގެ ހެކިތައް މިފޮޓޯތަކުން ލިބޭކަމުގަ އެވެ. އަދި އެމެރިކާގެ މަސްއޫލުވެރިން ވަނީ ސޫރިޔާގެ ޖަލުތަކުގައި ހިންގާފައިވާ އަނިޔާތަކާ ގުޅިގެން "ބިރުވެރި ޝޮކެއް" ލިބިއްޖެ ކަމަށް ވިދާޅުވެފަ އެވެ.

ސޫރިޔާ ސަރުކާރުން ވަނީ އެގައުމުގެ ޖަލުތަކުގައި އެތައް ހާސްބަޔަކާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށްބުނާ ރިޕޯޓަކީ ބޭރުގެ ބައެއް ފަރާތްތަކާއި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތައް އަޑީގައި ތިބެގެން ބަޔަކަށް ފައިސާ ދީގެން ތައްޔާރުކޮށްފައިވާ ބުރަދަނެއްނެތް އެއްޗެއް ކަމަށް ސިފަކޮށްފަ އެވެ. މިއީ ޖެނީވާގައި ސޫރިޔާގެ ސުލްޙައާ ބެހޭ މަހާސިންތާ މިއަދު ފެށޭއިރު އެމަހާސިންތާ ގަޑުބަޑުކޮށް ރައީސް ބައްޝާރު ވެރިކަން ދުރުކޮށް އިންތިގާލީ ސަރުކާރަކާ ސޫރިޔާގެ ވެރިކަން ހަވާލުކުރުމަށް ރާވާފައިވާ ރޭވުމެއްގެ ދަށުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ވެސް ސޫރިޔާ ސަރުކާރުން ބުނެ އެވެ.

ސޫރިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ އެގައުމުގެ ޖަލުތަކުގައި އަސީރުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށްބުނާ ރިޕޯޓާ ގުޅިގެން "ޝޮކެއް" ލިބިއްޖެ ކަމަށް އެމެރިކާ ބުނާއިރު ޢިރާޤުގެ ޖަލުތަކުގައި ޢިރާޤުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކުގެ މައްސަލަ ހަނދާނަށް ގެނަސްފައެވެ. ޢިރާޤުގެ އަބޫޣުރައިބު ޖަލުގައި ޢިރާޤުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކުގެ ސަބަބުން 2004 ވަނަ އަހަރު މުޅިދުނިޔެއަށް ޝޮކެއް ލިބިގެންދިޔަ އިރު އެކަން އެމެރިކާއަށާއި ހުޅަނގުން މާބޮޑުކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ނުވާކަމަށް ވެސް ސޫރިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ޢިރާޤުގައި އެމެރިކާ ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަޤްވާމީ ގޮތުން ތަހްގީގް ކުރެވިފައިނުވާ އިރު އެމެރިކާ އަމިއްލައަށް އެކަން ތަހްގީގްކޮށްނިންމާލި އިރު އެޖަރީމާތައް ހިންގި އެމެރިކާ ސިފައިންނަށް ވެސް ރަމްޒީ އަދަބެއް ނުނީ ދީފައެއް ނުވެ އެވެ. އަދި އިރާގުގައި އެމެރިކާ ހިންގާފައިވާ ލާއިންސާނީ އަނިޔާތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިންގެ މައްސަލަ އޮއްބާލާފައިވާ ކަމާއި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްފަދަ ބޭފުޅުންނަކީ ބައިނަލްއަޤްވާމީ އަދާލަތަށް ހާޒިރުކުރަން ޖެހޭ ބޮޑެތި މުޖްރިމުންކަން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާއިރު އެމެރިކާ އިން މިކަމަށް ވަނީ ބީރުކަންފަތެއްދީފަ އެވެ. (ނޫސްއެޖެންސީތައް)