ބެންކޮކް (ޖަނަވަރީ 22) : އިދިކޮޅު ފަރާތްތަކުން ބެންކޮކްގައިކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެންތައި ސަރުކާރުން ބެންކޮކާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކުއްލި ޙާލަތު އިޢްލާންކޮށްފި އެވެ.

ތައިލެންޑްގެ ލޭބާ މިނިސްޓަރު ޗަލިމް ޔުބަމޮރްގު ވިދާޅުވީ ކުއްލި ޙާލަތު ތަންފީޒުކުރުމުގެ ކަންތައް ބަލައި މޮނިޓަރކުރާ ކޮމިޓީގެ އިސްވެރިއަކީ އޭނާ ކަމަށާއި ކުއްލި ޙާލަތު ތަންފީޒުކުރާނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަމުގަ އެވެ. އޭނާ ވިދާޅުވީ ބެންގްކޮކާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކުއްލި ޙާލަތު އިޢްލާންކުރީ 60 ދުވަހުގެ މުއްދަތަށް ކަމަށާއި ނަމަވެސް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ފަހު ކުއްލި ޙާލަތު އުވަލުމާ މެދު ގޮތެއް ނިންމާނެ ކަމުގަ އެވެ. ކުއްލި ހާލަތު އިޢްލާންކުރަން ޖެހުނީ އެ ރަށުގައި ކުރަމުންދާ ދިގުލީ އިހްތިޖާޖްތަކުގެ ތެރޭގައި އާދަޔާޚިލާފަށް ހަމަނުޖެހުންތައް ހިންގަމުން ގެންގޮސް އަމަންއަމާންކަން ގެއްލި ޓޫރިޒަމާއި ވިޔަފާރީގެ މަސްލަހަތުތަކަށް ގެއްލުންވާ ހިސާބަށް ކަންތައް ގޮސްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައި ސަރުކާރުން ކުއްލި ޙާލަތު އިޢްލާންކުރުމާގުޅިގެން އިދިކޮޅު ފަރާތްތަކަށް ވަނީ މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރުމުގެ ފުރްސަތު ގެއްލިފަ އެވެ. ކުއްލި ޙާލަތުގެ ގާނޫނުގައި ސަރުކާރަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިދެ އެވެ. މީގެ ތެރޭގައި މީޑޔާ ވެސް ވަކިވަރަކަށް ކޮންޓްރޯލް ކުރުމާއި ރައްޔިތުންގެ ފަރުދީ އަދި ޖަމާއީ މިނިވަންކަން ވެސް ވަރަށްބޮޑަށް ނިގުޅައިގަތުމުގެ ބާރު ސަރުކާރަށް ލިބިދެ އެވެ. މިގޮތުން ކުއްލި ހާލަތާ ޚިލާފުވާ ފަރާތްތައް މުއްދަތެއް ނެތި ހައްޔަރުކޮށް އެމީހުންގެ މައްސަލަ ޝަރީޢަތަށް ފޮނުވުމުގެ ބާރުވެސް ހިމެނެ އެވެ. ތައި ސަރުކާރުން ދާދިފަހުން ވަނީ ކުއްލި ހާލަތު އިޢްލާންކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. ކުއްލި ހާލަތުގައި ރޭގަނޑުގެ ވަކި ވަގުތުތަކެއްގައި ނޫނީ މަގުތަކަށް މީހުން ނުކުމެ އުޅުން މަނާކޮށްފައެއް ނުވެ އެވެ. ނަމަވެސް މަގުމަތީގައި ސިޔާސީ ހަރަކާތްތަކެއް ނުހިންގޭނެ އެވެ.
މިއިންޒާރާ އެކު ތައި ސަރުކާރުން ވަނީ ޢަސްކަރީ ސިފައިންގެ އެތައް ހާސްބަޔަކު ވެރިރަށް ބެންކޮކާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކަށް ނެރެފަ އެވެ. ތައި އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި ބެންކޮކްގައި ކުރަމުން ގެންދާ މުޒަހަރާތަކުގެ ސަބަބުން ސަރުކާރުގެ ބައެއް ޚިދުމަތްތައް ހުއްޓާލަން ޖެހިފައިވާ އިރު އިގްތިސާދީ ހަރަކާތްތަކާއި ވިޔަފާރީގެ މުޢާމަލާތްތަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ. އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާ އިރު މިދޔަ ހޯމަދުވަހު ވެސް 55 މީހަކު ޒަޚަމްވެފައިވެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތައިލެންޑް ސަރުކާރާ ދެކޮޅަށްބެންކޮކްގައި މުޒާހަރާ ކުރަމުންދާ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަތްރާ އިސްތިއުފާ ދެއްވުމަށް ފަހު ރައްޔިތުންގެ ކައުންސިލަކުން ތައިލެންޑްގައި ވެރިކަން ކުރުމަށެވެ. މިއީ ދަސްތޫރާޚިލާފުކަމަކަށް ވާތީ ތައި ސަރުކާރުން ވަނީ މިކަން ގަބޫލުނުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ މިހުށަހެޅުމާ ދެކޮޅު ހައްދަވައި ބޮޑު ވަޒީރާޔަންގްލިކް ޝިނަވަޓްރާ ވަނީ އެގައުމުގެ ޕާލަމެންޓް އުވާލައްވައި އަވަސްއިންތިޚާބެއް އަންނަ މަހު ބާއްވާނެކަން އިއުލާނުކުރައްވާފަ އެވެ. ނަމަވެސްއިދިކޮޅު ފަރާތްތައް ވަނީ މިކަން ގަބޫލުކުރުމަށް ދެކޮޅު ހަދައި އިންތިޚާބުބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.(ނޫސްއެޖެންސީތައް)