މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފާގައި އިނގިރޭސި ޗެމްޕިއަންޝިޕްގެ ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) ގެ ބްރެޒިލް ގޯލްކީޕަރު ހޫލިއޯ ސެސާ އެހެން ކްލަބަކާއި ގުޅޭނެ ކަމަށް އުންމީދުކުރާ ކަމަށް އެކްލަބުގެ ޗެއާމަން ޓޯނީ ފެނާންޑޭސް ވިދާޅުވެއްޖެ އެވެ.

މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުން ކިޔުޕީއާރު ރެލިގޭޓްވިއިރު، އެންމެ ރަނގަޅު ކުޅުމެއް ފެނުނު އެއް ކުޅުންތެރިއަކީ އެކްލަބުގެ ބްރެޒިލް ކީޕަރު ސެސާ ފަރާތުންނެވެ. މިސީޒަންގެ ކުރީކޮޅުގައި އެހެން ކްލަބަކަށް ބަދަލުވުމަށް މަސައްކަތްކުރި ސެސާ ބަދަލުގައި މިހާރު ކިޔުޕީއާރުގެ އެއް ނަންބަރު ކީޕަރަކީ ރޮބާޓް ގްރީން އެވެ.

ހެރީ ރެޑްނެޕްގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ކިޔުޕީއާރުގެ ފުރަތަމަ އެގާރައިން ސެސާ ފެނިފައިވަނީ އެންމެ މެޗެއްގަ އެވެ. ވޯލްޑް ކަޕްގެ ކުރިން ވަރުގަދަ ކްލަބަކުން ސެސާ ފެނުމަކީ ގާތް ކަމެއް ކަމުގައި ރިޕޯޓްތަކުން ބުނަމުން ދެއެވެ. މި ރިޕޯޓްތައް ބުނާ ގޮތުގައި، ސެސާ އެނބުރި އިޓަލީ އަށް ދިއުން ވެސް ގާތެވެ.

"ގިނަ ހުނަރުތަކެއް ހުރި މޮޅު ކީޕަރެއްގެ ވަގުތުތައް ބޭކާރު ގޮތުގައި ދުއްވާލުމަކީ ރަނގަޅު ގޮތެއް ނޫން. ސެސާ ހިމެނެނީ ދުނިޔޭގެ އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭގައި. އެހެން ކްލަބަކުން އޭނާ ހޯދަން މަސައްކަތްކުރާނެ ކަމަށް އަހަރެން އުންމީދުކުރަން. އަހަރެމެން ކީޕަރު ގްރީން ބޭނުންކުރީ މިސީޒަން ފެށޭއިރަށް ސެސާ ދާނެކަމަށް ބަލާފައި." ފެނާންޑޭސް ބުންޏެވެ.

އުމުރުން 34 އަހަރުގެ ސެސާ ކިޔުޕީއާރާއި ގުޅުނީ މިދިޔަ ސީޒަންގަ އެވެ. އިންޓަމިލާނަށް ކުޅުމަށް ފަހު ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކިޔުޕީއާރް އާއި ގުޅި، ސެސާ ވަނީ ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.