ސިޔާސީ ފިކުރު ތަފާތުވާ އެއްވެސް ބޭފުޅެއްގެ ހިތްޕުޅަށް ދަތިކަމެއް ލިބޭ އެއްވެސް ކަމެއް ސަރުކާރުން ނުވަތަ ރައީސްގެ މެސެޖަކުން ވެސް ރައްދުކުރައްވަން ބޭނުންފުޅުނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި އަދި ސްރީލަންކާގައި ކިޔަވަން ތިބި ދިވެހި ކުދިންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ސަރުކާރުން ކުރާ މަސައްކަތްތަކުގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުން ކަމަށެވެ. އަދި އެ މަސައްކަތުގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަން ޖެހޭ ސަބަބަކީ، އެމަނިކުފާނު ކުރައްވާ މަސައްކަތަކީ، ސިޔާސީ މަސައްކަތަކަށް ނުވާތީ ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ކުރައްވަމުން މިގެންދަވާ މަސައްކަތްޕުޅުތަކަކީ، އަޅުގަނޑުމެން މިހާރު ތިބި ޙާލަތުން އެއަށް ވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ކަމުގައި ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހުރި ގޮތުންނާއި އަދި ދިވެހި ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށްވާ އިރު، އަދި އެއްބަހަކުން ވާހަކަދައްކާ ބަޔަކަށްވާ އިރު، އަޅުގަނޑުމެންގެ ތަރައްގީ އަށް ކުރާ މަސައްކަތްތަކާއި ހިންގާ ތަރައްގީގެ މަޝްރޫޢުތައް މަޑުޖެހިނުލައި ކުރިއަށްދާން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ސިޔާސީ ޚިޔާލުތަފާތުވުމަކީ، މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ފިކުރަކީ ސިޔާސީ ވިސްނުމާ ހަމައިގައި އޮންނާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ޢަމަލީ މަޝްރޫޢުތައް ތަންފީޒު ކޮށްދިނުމަކީ ރައްޔިތުންގެ މަންފާއަށް ޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަ އޮތީމާ ލިބެނީ ކޮންކޮން ފައިދާތަކެއްކަން އަޅުގަނޑުމެންނަށް މިހާރު އެބަ ޤަބޫލު ކުރެވޭ ކަމަށާއި ޞުލްޙައާއި ހަމަޖެހުން ޤާއިމުވެފައި އޮންނަ އިރު އަޅުގަނޑުމެންނަށް ފެނިގެންދަނީ ރާއްޖޭގައި ކުށްކުރުން އެތައް ގުނައެއް މަދުވެގެން ދާތަން ކަމުގައި ވިދާޅުވި އެވެ.
ހަމައެއާ އެކު، އަޅުގަނޑުމެންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންގެ އަދަދު މަދުވެގެން އެބަދާ ކަމަށާއި ދިވެހިރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ، އަދި ދިވެހި ރާއްޖޭގެ ސަރުކާރަށް ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރާ، ތަރުޙީބުދޭ ބޭރުގެ އެކިއެކި އިންވެސްޓަރުން ގިނަވާކަން އެބަ ފާހަގަކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ޤާނޫނު ތަންފީޒު ކުރައްވާ ފުލުހުންނަށާއި ސިފައިންގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބޭ ދުވަސްތަކެއް އެބަ އަންނަ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ރައްޔިތުންނަށް ޙައްގު ހޯދައިދިނުމަށް ގާއިމު ކުރެވިފައިވާ މުއައްސަސާތަކަށް މަސައްކަތް ކުރުމުގެ ޖާގަ ލިބިގެންދާތަން ވެސް އެބަ ފެންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކަށް ކަންތައްތަކެއް ނާންގަމު. އޮޑިޓާ ޖެނެރަލަށް، ވަކި ރިޕޯޓެއް ނެރުއްވާކަށް، ވަކި ރިޕޯޓެއް ނުނެރުއްވާކަށް އަޅުގަނޑުމެން ނުދަންނަވަން. އަޅުގަނޑުމެން އޭސީސީ އަށް ވަކި މައްސަލައެއް ހުށައެއްނާޅަން. އަދި އޭސީސީގައި ނުހިނގާ އޮތް ވަކި މައްސަލައެއް ހިންގައި އަވަހަށް އެކަންކުރުމަށް އަޅުގަނޑުމެން ހުރަހެއްނާޅަން. އެއީ، އެބޭފުޅުން އުފުއްލަވަންޖެހޭ ގާނޫނީ ޒިންމާއެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.