މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް މި ސީޒަނުގެ ލީގު ކާމިޔާބުކުރުމަށް ކުރަމުން އައި އުންމީދުތަކަށް ނިމުމެއް އައިސްފައިވާ ކަމަށް އެކްލަބުގެ ކެޕްޓަން ނެމަންޔާ ވިޑިޗް ބުނެފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ޗެލްސީ ދަނޑުގައި ކުޅުނު މެޗުން 3-1 ލަނޑުން ބަލިވުމާއެކު، ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގުގެ ހަތްވަނައިގަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އާއި ޔުނައިޓެޑާއި ދެމެދު ސާދަ ޕޮއިންޓްގެ ފަރަގެއް އޮތްއިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތެއް ހޯދުމަށް ވެސް އެކްލަބަށް ވަނީ އުނދަގޫތަކަކާއި ކުރިމަތިވެފަ އެވެ.

"އަހަރެންނަށް ހީވާ ގޮތުގައި އަހަރެމެން މިއޮތީ ވަރަށް ފަހަތުގައި. މިހާރު ލީގު ކާމިޔާބުކުރުމަށް އަހަރެމެން ކުރަމުން އައި އުންމީދުތަކަށް ވަނީ ނިމުމެއް އައިސްފައި. ދެން އަހަރެމެން ޖެހޭނީ ގަދަ ހަތަރަކަށް އެރުމަށް މަސައްކަތްކުރަން." އުމުރުން 32 އަހަރުގެ ވިޑިޗް ބުންޏެވެ.

ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގެ ތެރޭގައި ވިޑިޗް އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެކަމަށް މަސައްކަތްކުރުމަށް ވިޑިޗް ވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް ގޮވާލައިފަ އެވެ.

"ގަދަ ހަތަރަކަށް އަރައި، އެމަގާމުގައި އޮތުމަކީ ފަސޭހަކަމަކަށް ނުވާނެ. ނަމަވެސް އަހަރެމެން ތަފާތު ކަމަކަށް އުންމީދު ކުރިޔަސް މަސައްކަތްކުރަން ޖެހޭނެ." ޔުނައިޓެޑްގެ ސާބިއާ ޑިފެންޑަރު ބުންޏެވެ.

ވިޑިޗް ބުނީ މި ސީޒަންގައި މިހާރު ދެން ޔުނައިޓެޑަށް އިތުރަށް އޮތް އުންމީދަކީ ކެޕިޓަލް ވަން ކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށެވެ.

"އެދެމުބާރާތް ކާމިޔާބު ކުރެވޭތޯ ވެސް މަސައްކަތް ކުރަންޖެހޭ. އަހަރެމެންގެ ނަސީބާއެކު ރަނގަޅު ފުޓްބޯޅައެއް ކުޅެވޭނެ ކަމަށް އުންމީދުކުރަން." ވިޑިޗް ބުންޏެވެ.