21 Jan 2014, 21:58
އަވަށު ޕްރީސްކޫލްތަކުގެ ފީ ކުއްޖެއްގެ އަތުން މަހަކު 250 ރުފިޔާ އަށް ވުރެ ބޮޑު ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން އަވަށު ސްކޫލްތަކަށް އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިރޭ ސަން އަށް ވިދާޅުވީ ސްކޫލްތައް ހުޅުވުނު ފަހުން ބައެއް އަވަށު ސްކޫލްތަކުން ފީ ބޮޑުކުރުމަށް ނިންމާފައި ވާތީ ބެލެނިވެރިންގެ ޝަކުވާ ބޮޑުވެފައިވާ ކަމާށާއި އެކަންތައް އެގޮތަށް ނުކުރުމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ފީ މަހަކު 250 ރުފިޔާ އަށް ވުރެ ބޮޑު ނުކުރުމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކައުންސިލްގެ ޕޮލިސީއެއް އެއީ 250 ރުފިޔާ އަށް ވުރެ ޕްރީސްކޫލްތަކުގެ ފީ ބޮޑު ނުކުރުމަކީ، ފީ ބޮޑު ކުރުވޭނީ އެކަންތައް ކައުންސިލަށް ހުށަހަޅައިގެން ކައުންސިލުން ފާސްކޮށްގެން. މިހާރު ވެސް ނަގަމުން އަންނަ ފީގައި ރަނގަޅު ފެންވަރެއްގެ ތައުލީމު ދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭނެ މެކޭނިޒަމެއް ސްކޫލްތަކުގައި ގާއިމްކުރެވިފައި ހުރީ. އޭގެ އެއް މިސާލު އަމީރު އަހުމަދުގެ ޕްރީސްކޫލަކީ،" ސުޖާއު ވިދާޅުވި އެވެ.
އަވަށު ސްކޫލްތަކުގެ ތެރެއިން ގަލޮޅު މަދަރުސާ އާއި މާފަންނު މަދަރުސާގެ ޕްރީ-ސްކޫލްގެ ފީ އަންނަ މަހުން ފެށިގެން ކުއްޖެއްގެ އަތުން ނަގާވަރު މަހަކު 375 ރުފިޔާ އަށް ބޮޑު ކުރާނެ ކަން އެ ސްކޫލްތަކުން ވަނީ ބެލެނިވެރިންނަށް އަންގައިފަ އެވެ. މީގެ ކުރިން އެ ސްކޫލްތަކުން ވެސް ނަގަމުން އައީ 250 ރުފިޔާ އެވެ.