14 Dec 2010, 04:23
އީރާނުގެ ރައީސް މަޙްމޫދް އަޙްމަދީ ނެޖާދް އެޤައުމުގެ ޚާރިޖީ ވަޒީރު މަނޫޝަހެރު މުއްތަކީ މަޤާމުން ދުރުކުރެއްވުމަށްފަހު ޚާރިޖީ ވަޒީރުގެ ޤާއިމްމަޤާމުކަން ޑޮކްޓަރ ޢަލީ އަކްބަރު ސާލިޙީ އާ ޙަވާލުކުރައްވައިފި އެވެ. ޑޮކްޓަރ ސާލިޙީ އަކީ އީރާނުގެ ނިއުކްލިޔަރ ހަކަތައާބެހޭ އިދާރާގެ ވެރިޔާއެވެ. ޚާރިޖީ ވަޒީރުކަމުން މުއްތަކީ ދުރުކުރެއްވިއިރު އޭނާ ހުންނެވީ ސެނެގޯލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. އޭނާ މަޤާމުން ދުރުކުރެއްވި ސަބަބެއް ރައީސް ނެޖާދްގެ އޮފީހުން ހާމަކޮށްފައެއްނުވެ އެވެ. މުއްތަކީއަށް އެނގިވަޑައިގަތުމަކާނުލާ ދުނިޔޭގެ ބައެއް ޤައުމުތަކަށް ރައީސް ނެޖާދް ޚާއްސަ މަންދޫބުންތަކެއް ޢައްޔަން ކުރެއްވުމާގުޅިގެން މުއްތަކީ ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި ޚަބަރުތަކެއް އީރާނުގެ މިޑިޔާއިން ދާދިފަހުންވަނީ ފަތުރާފަ އެވެ. މިމައްސަލައާ ގުޅިގެން މުއްތަކީ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ ޚަބަރުތަކެއް ފެތުރުމުން އޭނާވަނީ އެކަން ދޮގުކުރައްވާފަ އެވެ. ޚާރިޖީ ވަޒީރުގެ ޤާއިމް މަޤާމަކަށް ރައީސް ނެޖާދް ޢައްޔަންކުރެއްވި ޑޮކްޓަރ ސާލިޙީއަކީ ފިޒިކްސްގެ ރޮނގުން ޕީ.އެޗް.ޑީ ޙާސިލްކުރައްގެން ހުންނެވި ސައެންޓިސްޓެކެވެ. އޭނާއަކީ އީރާނުގެ ޓެކްނޮލޮޖީ ޔުނިވަރސިޓީގެ ރައީސް ކަމުގެ މަޤާމް އަދާކުރައްވާފައިވާ ޕްރޮފެސަރެއްގެ އިތުރުން އީރާނުގެ ސައެންސް އެކަޑަމީއާއި ފިޒިކްސްއާބެހޭ ބައިނަލްއަޤްވާމީ މަރުކަޒުގެ މެންބަރުކަން މިހާރުވެސް އަދާކުރައްވަމުން ގެންދާވާ ބޭފުޅެކެވެ.