ހަލުވި ދުވެލީގައި ސްރީލަންކާގެ އިގްތިސާދު ކުރައަރަމުންދާތީ އެ ކަމަށް ތައުރީފު ކުރައްވައި، އެ ގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސާއަށާއި ލަންކާގެ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ އިގްތިސާދަށް ތައުރީފު ކުރައްވައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވާހަކަފުޅު ދެއްކެވީ އެ ގައުމަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހަކަށް ސްރީލަންކާގެ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ރިސާދު ބަތީޢުއްދީން މިއަދު ހަވީރު ކުރެއްވި އިގްތިރާމްގެ ޒިޔާރަތުގައި އޭނާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮލަމްބޯގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓެލްގައި އޮތް އެ ބައްދަލުކުރެއްވުމުގައި، ރައީސް ވިދާޅުވީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެ ޤައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ މައްޗަށާއި، ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވި އެވެ.

ރައީސް ޔާމިންގެ ވާހަކަފުޅުގައި، ކޮމާޝަލް ޑިޕްލޮމަސީ ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އެ މަސައްކަތުގެ ދަށުން ސްރީލަންކާއާ ވެސް އެ ދާއިރާއިން އިތުރު ގުޅުންތައް ބަދަހިކުރެވިދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ރައީސް ޔާމިން ވިދާޅުވި އެވެ. އަދި އެ ދަތުރުފުޅުގައި، މިއަދު ބޭއްވެވި ބިޒްނަސް ފޯރަމްގައި ފާހަގަކުރެވުނު ކަންތައްތަކަށް އަވަސް ޙައްލެއް ފެނިގެން ދިޔުމަކީ، ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުންތައް މެދުކެނޑިފައި އޮތުމާއެކު، އެ ކޮމިޝަންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވެވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވައި، މިކަމުގެ އިންތިޒާމްތައް ވަރަށް އަވަހަށް ހަމަޖެއްސެވުމަށް ނިންމެވި އެވެ.

އެ ބައްދަލުކުރެއްވުމުގައި، އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ރިސާދު ބަޠީޢުއްދީން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ޓްރޭޑް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ސްރީލަންކާގެ އެ ވުޒާރާއާ ވަރަށް ގާތް ގުޅުމެއް ދަމަހައްޓަވާފައިވާކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް ބައްލަވައިލައްވަމުން، އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ގިނަ ދާއިރާތަކަކީ، ސްރީލަންކާގައި ވެސް މިހާރު ތަރައްޤީވެ ކުރިއަރަމުން އަންނަ ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިގޮތުން ޚާއްޞަކޮށް، ޢިމާރާތް ކުރުމުގެ ދާއިރާއިންނާއި، ހަކަތައިގެ ދާއިރާއިންނާއި، އައިޓީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ކަމުގައި ވިދާޅުވި އެވެ.