ސިފައިންގެ ކޯޕަރޭޓިވްސް (ސިފްކޯ) މެދުވެރިވެގެން 2011 ވަނަ އަހަރު މުދާ ގަތުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުތަކާ ހިލާފަށް 6.7 މިލިޔަން ރުފިޔާގެ ތަކެތި ގަނެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ސިފްކޯ މެދުވެރިވެގެން ގަނެފައިވާ ތަކެތީގެ ތެރެއިން 4.7 މިލިއަން ރުފިޔާގެ ތަކެތި ގަނެފައި ވަނީ، މާލިއްޔަތު ގަވާއިދާ ހިލާފަށެވެ. މާލިއްޔަތު ގަވާއިދުގެ 8.09 އާ ހިލާފަށް ތިން ފަރާތަކުން އަގު ނުހޯދައި ސިފްކޯއިން ތަކެތި ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ސިފްކޯއިން ދެ މިލިއަން ރުފިޔާގެ ތަކެތި ގަނެފައި ވަނީ މާލިއްޔަތު ގަވާއިދުގެ 8.15 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ކަމަށާއި އެތަކެތި ގަނެފައި ވަނީ އިއުލާން ކޮށްގެން އަންދާސީ ހިސާބު ހޯދައިގެން ނޫން ކަން ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުތަކާ ހިލާފަށް 2011 ވަނަ އަހަރު ސިފްކޯ އިން ހޭދަކޮށްފައިވާ 6.7 މިލިއަން ރުފިޔާ ހަރަދު ކުރުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމަށް އަންގާފަ އެވެ.

އެގޮތުން އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 އަދި 48 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނަރަލް ވަނީ އަންގާފަ އެވެ.