21 Jan 2014, 18:12
އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި މަސައްކަތް ކުރެއްވި ޑިފެންސް އެޑްވައިޒަރެއްގެ ހާޒިރީގެ ރެކޯޑެއް ނެތި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދީފައިވާކަން ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމް މިއަދު ނެރުއްވި ޑިފެންސް މިނިސްޓްރީން 2011 ވަނަ އަހަރު އޮޑިޓް ރިޕޯޓުގައި ބުނެފައި އިންޑިއާގައި ހުރި ޑިފެންސް އެޑްވައިޒަރަށް މުސާރަ އާއި އެހެނިހެން އެލަވަންސްތައް ދީފައި ވަނީ އޭނާ ވަޒީފާއަށް ހާޒިރުވެ މަސްއޫލިއްޔަތު އަދާކުރެއްވި ކަމުގެ ރެކޯޑެއް ނެތި ކަމަށެވެ.
އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެ އެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އޭނާއަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 2011 ވަނަ އަހަރު 344،299ރ. ދީފައިވާ ކަމަށެވެ.
އެ މައްސަލާގައި އޮޑިޓާ ޖެނަރަލް އިސްލާހު ކުރެއްވުމަށް ލަފާ ދެއްވާފައި ވަނީ މަސް ނިމުމުގެ ކުރިން މުވައްޒަފުންގެ ހާޒިރީ ރިޕޯޓު ތައްޔާރު ކުރުމަށާއި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހިދުމަތް ނުކުރާ މުވައްޒަފުންނަށް މުސާރައާއި އެލަވަންސްދޭއިރު އެބައި އުނިކުރުމަށެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރި ކަމުގެ ރެކޯޑެއް ނެތި މުސާރަ ނުދިނުމަށް ވެސް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް ސޮއިކުރަށްވާފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކޯސްތައް ފުރިހަމަ ކުރައްވަމުންދާ ސިފައިންގެ ބޭކަލުންނަށް އަސާސީ މުސާރައިގެ އިތުރުން ގަވާއިދާ ހިލާފަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ޕޭލީވްގައި ތިއްބި ސިފައިނަށް ފައިސާ ދީފައި ވަނީ، އެ ކަމަށް ހަމަޖެހިފައިވާ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެން ކަމުން އިތުރަށް ފައިސާ ދީފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯއްދައި ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާ ކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ޑިފެންސް މިނިސްޓްރީއަށް އަންގާފައިވެ އެވެ.