21 Jan 2014, 16:10
ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ލިބިފައިވާ ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމަށް ރާއްޖެ ވެއްޖެ އެވެ.
އދ. އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުގެ މައްޗަށް ބިނާކޮށް ގިނިސް ވޯލްޑް ރެކޯޑު ވެބްސައިޓްގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ދެ ގުނަ އަށްވުރެ ވެސް މަތީގަ އެވެ.
ދުނިޔޭގެ ރެކޯޑު ފޮތުން ދައްކާ ގޮތުގައި ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 ވަރީގެ ގޮތުގަ އެވެ. ރާއްޖޭގެ ފަހަތުން ދެވަނައަށް އެންމެ ވަރި ގިނަ ގައުމަކީ ބެލަރޫސް އެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.63 ވަރި އެވެ. މި ލިސްޓުގައި ތިން ވަނައަށް އެންމެ ވަރި ގިނަ ގައުމަކީ އެމެރިކާ އެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް 4.34 ވަރި އެވެ.
އެންމެ ވަރި ގިނަ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ އިތުރު ގައުމުތަކަކީ، ކިއުބާ، އެސްޓޯނިއާ، ޕެނަމާ، ޕޯޓޮރިކޯ، ޔޫކްރެއިން، ރަޝިއާ އަދި އެންޓިގުއާ އެންޑް ބާބުޑާ އެވެ.
ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ލިބުމަކީ ބައެއް މީހުންނަށް ފަހުރަކަށް ވިޔަސް ރާއްޖެއަށް ލިބުނު ވަރީގެ ރެކޯޑަކީ ގައުމަށް ލިބުނު "ހުތުރު" ނަމެކެވެ. އަދި އެއީ ލަދުވެތި ރެކޯޑެކެވެ.
ރާއްޖެއިން ހިންގި ދެ ހަރަކާތެއް މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ. އެއީ އެންމެ ގިނަ ޑައިވަރުން ފީނި ކަމުގެ ރެކޯޑާއި އެންމެ ދިގު ރިބަން ކެނޑިކަމުގެ ރެކޯޑު ވެސް އޮންނަނީ ރާއްޖެއަށެވެ.