ޓްރިޕޮލީ (ޖަނަވަރީ 21): ލީބިޔާގައި ހުންނަވާ ދެކުނު ކޮރެޔާގެ ވިޔަފާރިއާބެހޭ މިޝަންގެ ވެރިޔާ (ޓްރޭޑް ރެޕްރެޒެންޓެޓިވް) ހާން ސިޔޫވޫ ވަގަށްނަގައިފި އެވެ.

ވެރިރަށް ޓްރިޕޮލީގައި މުއްސަނދީން ގިނަ އެލެޖެންޓް އަވަށެއްގެ އެޕާޓްމެންޓެއްގައި ދިރިއުޅުއްވާ ސިޔޫވޫ ވަގަށްނަގާފައި ވަނީ ޓްރިޕޮލީގައި ހަތިޔާރު އަޅައިގެން އުޅޭ ހަނގުރާމަވެރި މިލީޝިޔާތަކުގެ ތެރޭން މިލީޝިޔާއަކުން ކަމަށް ބެލެވޭކަމަށް ލީބިޔާ ސަރުކާރުން ބުނެ އެވެ. ޓްރިޕޮލީގައި ތިއްބަވާ ދެކުނު ކޮރެޔާގެ ޑިޕްލޮމޭޓުން ވެސް ވަނީ ލީބިޔާއަށް ކަނޑައަޅާފައިވާ އެގައުމުގެޓްރޭޑް ރެޕްރެޒެންޓެޓިވް، އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ނުކުމެވަޑައިގެން ކާރުގައި ދަތުރުކުރައްވަމުން ގެންދަވަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައި ބަޔަކު ވަގަށްނެގިކަން ކަށަވަރުކޮށްދީފަ އެވެ.

ލީބިޔާގެ ސަލާމަތީ ބާރުތަކުންވަނީ ސިޔޫވޫ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަނެ އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައިވާކަން ހާމަކޮށްފަ އެވެ. ގައްޒާފީގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ވެސް ލީބިޔާގެ ތަރައްގީގެ ޕްރޮގްރާމްތަކުގައި ދެކުނު ކޮރެޔާގެ ބިޔަ އަދި ބޮޑެތި ކުންފުނިތަކުގެ ބައިވެރިވުން ވަރަށް ބޮޑެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ވެސް ދެކުނު ކޮރެޔާ އާއި ލީބިޔާގެ ވިޔަފާރީގެ ގުޅުންތައް ދަނީ އިތުރަށް ވަރުގަދަވަމުންނެވެ.

ދެކުނު ކޮރެޔާއަށް ބޭނުންވާ ތެލާއި ތެލުގެ ބާވަތްތައް ލީބިޔާ އިން ފޯރުކޮށްދޭ އިރު ލީބިޔާގައި ގެދޮރު އެޅުމުގެ މަޝްރޫޢުތަކާއި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކުގެ އިތުރުން ފެކްޓްރީތަކާއި ސިނާއަތްތައް ބިނާކޮށްދިނުން ފަދަ މެގަ ޕްރޮޖެކްޓްތަކުގައި ދެކުނު ކޮރެޔާގެ ބޮޑެތި ކުންފުނިތައް ދަނީ ބިލިޔަން ޑޮލަރުގެ މަޝްރޫޢުތައް ހިންގަމުންނެވެ.
ނަމަވެސް2011 ވަނަ އަހަރު ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާގެ ބޮޑުބައެއް ހަތިޔާރު އެޅި މިލީޝިޔާތަކުގެ ކޮންޓްރޯލްގެ ދަށަށް ދިޔުމާ އެކު ލީބިޔާގައި ޒަމާނުއްސުރެ އޮތް ހަމަޖެހުމާއި އަމަން އަމާންކަން ގެއްލި ލީބިޔާގެ ރައްޔިތުންގެ އިތުރުން ބޭރުމީހުންނަށް ވެސް ވަނީ ބިރުވެރިކަންތައްތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިގޮތުން ހަތިޔާރުއެޅި މިލީޝިޔާއަކުން ދާދިފަހުން ވަނީ ލީބިޔާގެ ބޮޑުވަޒީރު އަލީ ޒީދާން ވެސް ވަގަށްނެގުމަށްފަހު އޭނާ މިނިވަންކޮށްފަ އެވެ.

ލީބިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިލީޝިޔާތައް ނައްތާލައި ލީބިޔާ އަށް އަމަން އަމާންކަން ގެނައުމަށް އެގައުމުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ. ލީބިޔާގައި އަމަން އަމާންކަން ގާއިމްކުރުމަށް ޓަކައި އެގައުމުގެ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ސިފައިންގެ ބާރުގަދަ ސިފައިންގެ ލަޝްކަރަކާއި ހުނަރުވެރި ފުލުހުންގެ ބާރުތަކެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ.

ހަތިޔާރުއެޅި މިލީޝިޔާތަކަށް ލީބިޔާގައި ބޭނުން ގޮތަކަށް ހަރަކާތްތެރި ވުމުގެ ފުރްސަތު ލިބިގެންދިޔައީ ގައްޒާފީގެ ވެރިކަން ވެއްޓުމާ އެކު އެގައުމުގެ ސިފައިންގެ ލަޝްކަރުތައް ވެސް ރޫޅިގެން ދިޔުމުގެ ސަބަބުންނެވެ. (ނޫސްއެޖެންސީތައް)