ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫންގައި މިއަދު ހެނދުނު އޮތް އެ ބައްދަލުވުގައި ރައީސް ވަހީދަށް ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީގެ "ލީ ކުއާން ޔޫ ސްކޫލް ޕަބްލިކް ޕޮލިސީ"ގެ ލެކްޗަރާއެއްގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް މައުމޫން އެމަނިކުފާނަށް ވަނީ ތަހުނިއްޔާ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާބެހޭ ގޮތުން މި ބައްދަލުވުމުގައި ދެ ރައީސުން މަޝްވަރާކުރެއްވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތެއްގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.

މީގެ އިތުރުން އިޖުތިމާއީ ހިދުމަތުގެ ދާއިރާގައި އެދެބޭފުޅުންނަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. މިގޮތުން މައުމޫން ފައުންޑޭޝަނުން ކުރަމުންގެންދާ ކަންތައްތަކުގެ މައުލޫމާތު ރައީސް މައުމޫން ރައީސް ވަހީދާ ހިއްސާކުރެއްވި އެވެ. އަދި އެ ދާއިރާ އިން ރައީސް ވަހީދު ކުރައްވަން ގަސްދުކުރައްވާ ކަންތައްތަކުގެ ވާހަކަތައް ރައީސް ވަހީދު ވެސް ހިއްސާކުރެއްވި އެވެ.