21 Jan 2014, 14:52
މިދިޔަ ހޯމަ ދުވަހު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އުޅަނބޮށީގެ ސާޖަރީއެއް ހަދާފައިވާކަން އެކްލަބުން ކަށަވަރުކޮށްދީފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅެ 3-1 ލަނޑުން ޗެލްސީ މޮޅުވި މެޗަށްފަހު، މޮރީނިއޯގެ ސާޖަރީއަށް ދަތުރުކުރީ ފްރާންސްގެ ޕެރިހަށެވެ.
"އިއްޔެގެ ވަގުތެއްގައި މޮރީނިއޯ ވަނީ އުޅަނބޮށީގެ ސާޖަރީއެއް ހަދާފައި. އެ ކާމިޔާބީ ސާޖަރީ ހެދީ ދިގު މުއްދަތެއްގައި އޮޅަބުށީގެ މައްސަލަތެއް އުޅޭތީ." ޗެލްސީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ޝާއިޢުކޮށްފައި ވެއެވެ. "މިއަދު މޮރީނިއޯ އެނބުރި މަސައްކަތަށް ނުކުންނާނެ."
އުމުރުން 50 އަހަރުގެ މޮރީނިއޯގެ އުޅަނބޮށްޓަށް އަނިޔާވެފައި ވަނީ ކުޑައިރުގައި ދިމާވި ހާދިސާއެއްގެ ސަބަބުންނެވެ. މި ސާޖަރީއަށް ފަހު މިއަދު ޗެލްސީއިން ބާއްވާ ފަރިތަކުރުންތަކުގައި މޮރީނިއޯ ބައިވެރިވާނެ ކަމަށް އެކްލަބުން ހާމަކުރެ އެވެ.
މިވަގުތު ޗެލްސީ އޮތީ ލީގުގެ ތިންވަނާގަ އެވެ. ޗެލްސީ އަށް 22 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 51 ޕޮއިންޓެވެ. އަދި ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައި ވަނީ 50 ޕޮއިންޓެވެ.