ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނު ކާމިޔާބީ "ކިތަންމެހާ ވެސް ރަނގަޅު" ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު މާލެ އިން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލެއްވި 85 ޕަސެންޓަށް ވުރެ ގިނަ ކެންޑޑޭޓުންނަކީ ޕީޕީއެމް މެންބަރުން ކަމަށާއި އަދި އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބު ކާމިޔާބުކުރެއްވި ގިނަ ކެންޑީޑޭޓުންނަކީ ވެސް ޕީޕީއެމް މެންބަރު ކަމަށެވެ.

"ކައުންސިލް އިންތިހާބުން ލިބުނު ކާމިޔާބީ ކިތަންމެހާ ވެސް ރަނގަޅު. ކުރިމަތިލެއްވި ބޭފުޅުންނަށް ބައްލަވާލެއްވި ކަމުގައި ވިއަސް 85 ޕަސެންޓް އިންޑިޕެންޑެންޓް މީހުނަށް ވުރެ ގިނަ މީހުނަކީ ޕީޕީއެމް މެންބަރުން،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއާއި މާލެ ސިޓީގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައިވުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެހެންވާން ޖެހުނީ ކޯލިޝަނުގައި ހިމެނޭ ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން ވާދަ ކުރެއްވުމުން ކަމަށެވެ.

"ބޮޑެތި ދާއިރާތަކުން، މާލެ އާއި އައްޑޫ ސިޓީން ގޮނޑި ގެއްލިފައި މިވަނީ. އެކަމު އެހެން މި ވަނީ އެއީ ކޯލިޝަން ތެރޭގައި ކަން ހިނގާނެ ގޮތް. އެއީ މި ކޯލިޝަނެއްނޫންވަކި. އެ ވާގޮތަކީ ޖޭޕީ އަށް ދޫކޮށްފައި ހުންނަ ސްލޮޓަށް ވެސް އެ ކޮޅުގައި ތިބޭ މީހުންގެ ޝައުގުވެރިކަން ހުރީމާ އަޅުގަނޑުމެން ކުރިމަތިނުލާން އިޝާރާތް ކުރި ނަމަވެސް އަމިއްލަ ގޮތުން ވެސް ކުރިމަތިލާފާއި އެބަހުރި. އަދި އަޅުގަނޑުމެން ޕާޓީން ކުރިމަތިލާފައި ހުރި ދާއިރާ އަށް ޖޭޕީން އެބަހުރި އަމިއްލަ ގޮތުން ކުރިމަތިލާފައި،" ރައީސް ވިދާޅުވި އެވެ. އެހެން ކަމުން އަމިއްލަ ކެންޑީޑޭޓުންނާ އެކު ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ފާހަގަ ކުރެއްވެވި އެވެ.

އޭގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ގޮނޑިތައް ކާމިޔާބު ކޮށްދިނުމުގެ މަސައްކަތް އިތުރަށް ކުރައްވާނެ ކަމަށެވެ.