އަލަން އިންތިޚާބު ކުރެވުނު ކައުންސިލްތަކުގެ ހިންގުން ރަނގަޅުވާނެ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް ޝަމްއޫން އާދަމް ވިދާޅުވީ ފާއިތުވި ތިން އަހަރު ކައުންސިލްތައް ހިންގި ގޮތް ތަޖުރިބާކުރެވިއްޖެ ކަމަށާއި އެ ތަޖުރިބާގެ އަލީގައި މިހާރު އިންތިޚާބުވެފައިވާ ކައުންސިލްތަކުގެ ހިންގުން ރަނގަޅުވާނެ ކަމަށެވެ.

ހުވާކުރުމުގެ ކުރިން ކައުންސިލަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދިޔުމަށް މިހާރު ނިންމާފައިވާ ކަމަށް އެޖްޖީއޭގެ ޑިރެކްޓަރު މުހައްމަދު ނަސީރު ވިދާޅުވި އެވެ.

މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ކައުންސިލްތަކަށް އާމްދަނީ ހޯދާނެގޮތާ ބެހޭ ގޮތުން ވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް ޝަމްއޫން ވިދާޅުވީ މާލޭގައި ހުންނަ އަތޮޅުތަކުގެ ފިހާރައިން ލިބޭ ފައިދާ އިން ވަކި ޕަސެންޓެއް ކައުންސިލްތަކަށް ދިނުމަށް ކުރިން ނިންމާފައި އޮތަސް އެކަން ކުރެވިފައި ނުވަނީ ދައުލަތުގެ ޚަރަދުތައް ހުރި ގޮތުން ކަމަށް ފިނޭސް މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

ކައުންސިލްތަކަށް އެ ފައިސާ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އަތޮޅު ފިހާރައިން ލިބޭ ފައިދާގެ 50 ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ފިނޭސް މިނިސްޓްރީއާ މިދިޔަ އަހަރު ކުރެވުނު މަޝްވަރާގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ކޭޝް ފްލޯ ހުރިގޮތުން ކުއްލިއަކަށް [އެފައިސާ] ދޭން ދައުލަތަށް އުނދަގޫވޭ. އެއީ ކައުންސިލްގެ ދަރަންޏެއްގެ ގޮތުގައި ސަރުކާރުން ގަބޫލުފުޅުކުރައްވާ. މިހާރުގެ ސަރުކާރުގެ ނިންމުމެއް އަތޮޅު ފިހާރައިގެ 50 އިންސައްތަ ކައުންސިލްތަކަށް ދެއްވުން،"ޝަމްއޫން ވިދާޅުވި އެވެ.

އެލްޖީއޭގެ ޑިރެކްޓަރު އޮފް ލީގަލް އެފެއާޒު އަހްމަދު ޝިހާދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން ލިބިގެންވާ ބާރުގެ ދަށުން ކައުންސިލްތަކުން އެކުލަވާލާފައިވާ މުނިސިޕަލް ގަވާއިދުތައް އެއް އުސޫލަކަށް ފެއްތުމަށް ޓަކައި އެ އޮތޯރިޓީން ކުރި މަސައްކަތް ނިންމައި މިހާރު އެ ގަވާއިދުތައް ގެޒެޓް ކޮށްފައިވާ ކަމަށެވެ.