މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފޮޓޯ އާންމުކުރީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާ މަޝްވަރާ ނުކޮށް ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ނަމްބަރާއި އުފަން ދުވަހުގެ މައުލޫމާތު އާންމު ކުރުމާ ގުޅިގެން ގިނަ ރައްޔިތުންތަކެއް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޑީއެންއާރުގެ ޑެޕިއުޓީ ޑިރެކްޓާ އަބްދުﷲ އިބްރާހިމް މިއަދު ވިދާޅުވީ އިލެކްޝަނުން ފޮޓޯ އާންމުކޮށްފައި ވަނީ ޑީއެންއާރާ މަޝްވަރާނުކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ވޯޓުލާން ދިޔަ ފަހުން އެނގުނީ ފޮޓޯ އާންމުކުރިކަން،" އަބުދުﷲ އިބްރާހިމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެކަމާ ގުޅިގެން އިލެކްޝަނުގައި އާންމު ރައްޔިތުން ޝަކުވާ ކުރުމުން ޑީއެންއާރުން އެކަން ސާފުކުރަން އިލެކްޝަނުން ބުނާ ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެކަމާ ގުޅިގެން ގިނަ ރައްޔިތުންތަކެއް ޑީއެންއާރަށް ގުޅައި ހިތްހަމަނުޖެހުން ފާޅު ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ފޮޓޯ އެ ގޮތަށް އާންމުކުރުމަކީ ޑީއެންއާރުގެ މޭންޑޭޓުގައި ވެސް ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެބޭފުޅުންނަކީ އިލެކްޝަނުން އެދޭ މައުލޫމާތު ފޯރުކޮށް ދިނުމަށް އެއްބާރުލުން ދޭން ޖެހޭ ބަޔަކަށް ވާތީ ޑީއެންއާރުގެ މައުލޫމާތުތައް ނެގޭނެ ލިންކެއް އިލެކްޝަނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަބުދުﷲ ވިދާޅުވީ އެ ލިންކުގައި އެ ދުވަހަށް 18 އަހަރު ފުރޭ، ވޯޓުލެވޭ އެންމެންގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭނެ ކަމަށެވެ. އަދި އޭގައި ހިމެނޭ އެއްވެސް މައުލޫމާތެއް ބޭނުންކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ލިޔުންދިނީ އެއީ އިންތިހާބާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ މައުލޫމާތަކަށްވާތީ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ވެސް އެ ދުވަހު ވޯޓުލެވޭ އެންމެންގެ ފޮޓޯ އާއި މައުލޫމާތު ފޯރުކޮށްދިނުމަށް އިއްޔެ އިލެކްޝަނުން އެދިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމްއާ ވެސް ބައްދަލުކޮށް އޭޖީގެ ލަފައެއް ހޯދުމަށް ނިންމާފައިވާ އޭނާ ވިދާޅުވި އެވެ.

ބުރުގާ އަޅައި މޫނުނިވާކޮށްގެން އުޅޭ މީހުންނަށް ދާންދެން އިލެކްޝަންސް ކޮމިޝަނުން ވަނީ މީސްމީހުންގެ މޫނާއި ބޮލުގެ އިސްތަށިގަޑު ފެންނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ މައްސަލާގައި ވަރަށް ގިނަ ބަޔަކު ވަނީ ޝަކުވާ ވެސްކޮށްފަ އެވެ.