ދުންތަރި ދިރާސާ ކުރުމަށް މީގެ ދިހަ އަހަރު ކުރިން ޖައްވުގެ ތެރެއަށް ފޮނުވާލި ރޮޒެޓާ ސްޕޭސް ޕްރޯބް، ތިން އަހަރު ފަހުން އޭގެ ނިދިން ހޭލާ ދުނިޔެއަށް މިސެޖު ފޮނުވަން ފަށައިފި އެވެ.

އިންސާނުންނާ ނުލައި ޔޫރަޕިއަން ސްޕޭސް އޭޖެންސީއިން ޖައްވަށް ފޮނުވި ރޮޒެޓާ ސްޕޭސް ޕްރޯބްގެ ފުރަތަމަ މެސެޖުތައް ދުނިޔެއަށް ލިބެންފެށީ އިއްޔެ (ހޯމަ ދުވަހުގެ ރޭ) ރާއްޖޭ ގަޑިން 23:18 (ޖީއެމްޓީ 18:18) ގައެވެ. މި މެސެތައް ދުނިޔެއާ ހިސާބަށް އައީ 800 މިލިއަން ކިލޯމީޓަރު ދަތުރުކުރުމަށް ފަހު، ސިގްނަލް ފޮނުވިތާ 45 މިނެޓް ފަހުންނެވެ.

ރޮޒެޓާ ސްޕޭސް ޕްރޯބަކީ 67ޕީ ޗޫރީއުމޮވް-ގެރަސިމެންކޯ ނަމަކަށް ކިޔުނު ދުންތަރި ދިރާސާ ކުރުމަށްޓަކައި ޖައްވަށް ފޮނުވިފައިވާ އުޅަނދެކެވެ. ސައިންޓިސްޓުން ވަނީ މީގެ ތިން އަހަރު ކުރިން 2011 ވަނަ އަހަރު އުޅަނދުގެ ހަކަތަ ރައްކާ ކުރުމުގެ ގޮތުން ސިސްޓަމް ތަކުން ކަރަންޓު ކަނޑަލާފައެވެ. އަދި ހޯމަ ދުވަހު ސިސްޓަމްތަކަށް އަނބުރާ ކަރަންޓު ދިނީ އުޅަނދު އޭގެ މަންޒިލު، 67ޕީ ކޮމެޓާ ކައިރިވުމުންނެވެ. ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ސައިންޓިސްޓުން މިހާރު ވަނީ އުޅަނދު ކޮންޓްރޯލް ކުރަން ފަށާފައެވެ.

67ޕީ ދުންތަރި އަކީ ގަލާ ގަނޑުވެފައިވާ ގޭސްތަކުން އުފެދިފައިވާ، ބޮޑުމިނުގައި 4 ކިލޯމީޓަރު ހުންނަ ދުންތަރި އެކެވެ. ރޮޒެޓާ އުޅަނދުން މި ދުންތަރި ދިރާސާ ކުރުމަށްޓަކައި ވަށާ ބުރު ޖަހަން ފަށާނީ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި އުޅަނދުން “ފިލީ” ކިޔާ އެހެން އުޅަނދެއް ދޫކޮށްލައި، އޭތި ދުންތަރީގައި ޖެއްސުމަގެ މަސައްކަތް ފަށާނެއެވެ.

ފިލީ ގެ މަސައްކަތަކަށް ވާނީ 67ޕީ ދުންތަރީގެ ބިންގަނޑު ކޮނެ، ތަހުލީލުތަކަށް ސާމްޕަލްތައް އެއްކުރުމެވެ.

ދުންތަރި ދިރާސާކުރުމަށް ސައިންޓިސްޓުން ޝައުގުވެރިވަނީ ދުންތަރި އަކީ އުފެދުނުތާ ގިނަ އަހަރުތަކެއް ވާއިރުވެސް މާ ބޮޑު ބަދަލުތަކެއް އަންނަ އެއްޗަކަށް ނުވާތީއެވެ. މިހެންކަމުން، ބައެއް ހާލަތްތަކުގައި މީގެ 4.6 ބިލިއަން އަހަރު ކުރިން އުފެދިފައިވާ އެއްޗެއްގެ އަސްލު ތަހުލީލުކުރުމުގެ ފުރުސަތު ސައިންޓިސްޓުންނަށް ލިބެއެވެ.

މި މަޝްރޫއުގެ ސަބަބުން ކައުނު އުފެދިގެން އައި ގޮތް ދެނެގަންނަން ޖަވާބުތަކެއް ލިބިގެންދާނެކަމަށް ސައިންޓިސްޓުން ބުނެއެވެ.