އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން 1-1 އިން އެއްވަރުވެ، އެވަޓަން އަށް ލީގުގެ ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތުގެ ގެއްލިއްޖެ އެވެ.

ވެސްޓް ބްރޮމްގެ ދަނޑުގައި އެޓީމާ ދެކޮޅަށް އެވަޓަން ރޭ ކުޅުނު މެޗުން މޮޅުވެވުނު ނަމަ އެޓީމަށް 45 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ ލިބުނީހެވެ. އެހެން ނަމަވެސް މެޗުގެ 41 ވަނަ މިނިޓުގައި ކެވިން މިރަލަސް އެޓީމަށް ކުރި ހޯދައިފީފައި ވަނިކޮށް 75 ވަނަ މިނިޓުގައި ވެސްޓް ބްރޮމްގެ ޑިއެގޯ ލުގާނޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓިމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މި ނަތީޖާއާ އެކު ވެސްޓް ބްރޮމްގެ އާ ކޯޗު ޕެޕޭ މެލް އެ ޓީމާ ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދައިގެން 22 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ ހޯދާފައިވާއިރު އެވަޓަން އޮތީ 42 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގަ އެވެ. ތާވަލުގެ އެއްވަނައިގައި 51 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. 50 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތް އިރު 49 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޗެލްސީ އެވެ. އަދި 43 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ލިވަޕޫލް އެވެ.

މެޗަށްފަހު ޕެޕޭ މެލް ބުނީ، އޭނާގެ ޓީމުން ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިއީ ޓީމާ ހަވާލުވެގެން ފުރަތަމަ ހަފްތާ ކަމަށާއި ޓީމު އިތުރަށް ރަނގަޅު ކުރުމަށް އޭނާއަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް މެލް ބުންޏެވެ.

އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ، މެޗުގައި އެންމެ ފުރަތަމަ ކަމަކަށް ބޭނުންވީ ލަނޑު ޖަހައި ކުރިހޯދުން ކަމަށެވެ. އެކަން ހާސިލް ކުރެވުނު ނަމަވެސް ފަހު ހާފުގައި ލަނޑު ޖަހާނޭ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުހިފުމުން މެޗު ގެއްލުނީ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ވެސްތް ބްރޮމްއާ ދެކޮޅަށް ނުކުތީ އެ މެޗުން މޮޅުވުމުގެ މުހިއްމުކަން އެނގިތިބެ ކަމަށާއި އެހެން ނަމަވެސް ވެސްޓް ބްރޮމް އަކީ އަބަދުވެސް އިދިކޮޅު ޓީމަށް ޕްރެޝަރު ކުރާ ޓީމެއްކަމަށެވެ.