ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ އަރިހަށް، އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓާ ޖޯން ރެންކިން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި އިގްތިސާދީ ދާއިރާ އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވި އެވެ. މިރޮނގުން، ގައުމުގެ އިގްތިޞާދީ ޙާލަތު މިހާރަށް ވުރެ ރަނގަޅު ކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުންނާއި އިނގިރޭސިވިލާތާއި ޔޫރަޕުގެ އިއްތިހާދުން ރާއްޖޭގައި އިންވެސްޓު ކުރާ މިންވަރު އިތުރުކުރުމަށް ޓަކައި މިވަގުތު ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އިނގިރޭސި ސަފީރާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވި އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް ޔޫރަޕުގެ އިއްތިހާދުން ފޯރުކޮށްދެމުން ގެންދާ "ޖީއެސްޕީ ޕްލަސް" ސްކީމުން، ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ދެމުންދާ ޑިއުޓީ ފްރީ ޢިނާޔަތްތައް އިތުރު މުއްދަތަކަށް ހޯދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އިނގިރޭސި ސަފީރުގެ ވާހަކަފުޅުގައި އިނގިރޭސިވިލާތުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވައިލެއްވި އެވެ. އަދި ޤައުމުގެ ތަރައްޤީއަށް ޓަކައި މުސްތަގްބަލުގައި ވެސް، ރާއްޖެ އިން އިނގިރޭސިވިލާތުގެ އެހީތެރިކަން ބޭނުންވާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވި އެވެ.