ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޒަނުގައި އިއްޔެ ކުޅުނު މެޗްތައް ކާމިޔާބުކޮށް ޕޮލިސް ފެމެލީ އެސޯސިއޭޝަނާއި ސާއްބަ އެކުވެރި ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ޕޮލިސް ފެމެލީ އެސޯސިއޭޝަންއިން ކާމިޔާބުކުރީ ސްޕޯޓްސް ކުލަބް ސިޓީ އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕޮލިސް ފެމެލީ އިން ކާމިޔާބު ކޮށްފައި ވަނީ 25-18، 25-23 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ފެމެލީގެ ލަންކާ ކުޅުންތެރިޔާ ސަމިރާ އެވެ.

މިމުބާރަތުގައި ރޭ ކުޅުނު މެޗު ސާއްބަ ކުލަބުން ކާމިޔާބުކުރީ ހުޅުމާލެ ޔޫތު ޑިވޮލަޕްމަންޓް ސޮސައިޓީއާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެސެޓް ސާއްބަ ކާމިޔާބުކޮށްފައި ވަނީ 25-19 އަދި 25-21 އިންނެވެ. އަދި މެޗުގެ ތިން ވަނަ ސެޓް ހުޅުމާލެ ޔޫތު ޑިވޮލަޕްމަންޓުން ކާމިޔާބު ކޮށްފައި ވަނީ 25-18 އިންނެވެ. އަދި މެޗުގެ ފަހު ސެޓް ސާއްބަ ކުލަބުން ކާމިޔާބުކުރީ 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސާއްބަ އެކުވެރި ކުލަބުގެ އަބްދުﷲ ހަސަންއެވެ.

މުބާރަތުގައި މިއަދުވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގިރާވަރު ޔޫތު ސޮސައިޓީ އާއި ހަލްފް ލައިން ލިންކޭޖެވެ. އަދި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ކުލަބު ގުޑީސް އާއި ކުލަބު ޓީނޭޖް ޖޫނިޔަސް އެވެ.

މި މުބާރާތުގައި 14 ޓީމު ވާދަކުރާއިރު، ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯރަފުށީ ގުޅުމާއި ސްޕޯޓްސް ކްލަބް މެކާނޯ އާއި ގިރާވަރު ޔޫތު ސޮސައިޓީ އަދި ކްލަބް ހާފް ލިންކޭޖެވެ. ގުރޫޕް ބީގައި ހިމެނެނީ ސްޕޯޓްސް ކްލަބް ގުޑީސް އާއި ކްލަބް ޓީނޭޖް ޖޫނިއާސް އާއި ސްޕޯޓްސް ކްލަބް ވާދޫ އާއި ފޮނަދޫ ޒުވާނުންގެ ރޫހެވެ. ގުރޫޕް ސީގައި ހިމެނެނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ޕޮލިސް ފެމިލީ އެސޯސިއޭޝަން އަދި ޔޫތު ނިއު ޖެނެރާޝަނެވެ. ގުރޫޕް ޑީގައި ހިމެނެނީ ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ށ. ކޮމަންޑޫ އިސްދަރިވަރުންގެ ޖަމިއްޔާ އަދި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.

ލީގު އުސޫލުން ކުޅޭ އެއް ބުރަށް ފަހު، މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއްވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެޓީމް ތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.