21 Jan 2014, 10:10
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް އިތުރަށް ވަރުގަދަ ކުރުމަށް އެކުލަބުން ފަށާފައިވާ މަސައްކަތުގެ ދަށުން މިދިޔަ ސީޒަންގައި ބީޖީ ސްޕޯޓްސް އަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ފަރުހާދު އިސްމާއިލް (ފަރޭ) އެކުލަބަށް ގެނެސްފި އެވެ.
މާޒިޔާގެ އިސް އޮފިޝަލަކު މިއަދު ސަންއާ ވަހަކަ ދައްކަމުން ވިދާޅުވީ، ފަރޭ އެ ކުލަބަށް ގެނެސްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެގޮތުން ކުލަބާއެކު އޭނަ ސޮއި ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މިދިޔަ ސީޒަންގައި ވެސް އެކުލަބުގެ ކޯޗްކަމުގެ މަގާމްގައި ހުރި އިސްމާއިލް މަހަފޫޒް (އިންމަ)ގެ އިރުޝާދުގެ ދަށުން ކުރިއަށްއަށް އޮތް ފުޓްބޯޅަ ސީޒަނަށް މާޒިޔާގެ ފަރިތަކުންތައް މިހާރު ފަށާފައިވާއިރު، އެކުލަބަކީ މިދިޔަ ސީޒަންގައި ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް އަދި އެފްއޭ ކަޕް ރަނަރަޕް އެވެ.
މާޒިޔާއިން ވަނީ މި ފެށޭ ސީޒަނަށް އެ ކްލަބުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ގައުމީ ޓީމާއި ނިއުގެ ކުރީގެ ޑިފެންޑަރު ރިލްވާން ވަހީދު ވެސް އެޓީމަށް ގެނެސްފަ އެވެ. އަދި އެޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި އެކު ހަދާފައިވާ އެއްބަސްވުން ވެސް މާޒިޔާއިން މިހާރު ވަނީ އާކޮށްފަ އެވެ.
މާޒިޔާއިން ވަނީ އެކުލަބުގެ ގިނަ ކުޅުންތެރިން ތަކެއްގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެތެރޭގައި ސަމްދޫހު މުހައްމަދު، އަސަދުﷲ އަބްދުﷲ، އަހްމަދު ނާޝިދު، ގޯލްކީޕަރު އިމްރާން، އަހްމަދު ޝިޔާމް، އަހްމަދު މުހައްމަދު، އަދި އިބްރާހިމް އަބްދުﷲ ހިމެނެ އެވެ.
މާޒިޔާއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި އޭވައިއެލްއަށް މިދިޔަ ސީޒަންގައި ކުޅުނު ސިއެރަލިއޯން ފޯވާޑް އަބޫ އެސްމޮންޑް މަންސާރޭއާއި މިދިޔަ ސީޒަންގައި ނިއު އަށް ކުޅުނު ޒުވާން ފޯވާޑް މޫސާ ޔާމީން ހިމެނެ އެވެ.
މިއަހަރުގެ އޭއެފްސީ ކަޕުގައި ވެސް ރާއްޖެ ތަމްސީލުކުރާ މާޒިޔާ އިން ކްލަބު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާއިރު އެ ކްލަބުގެ އިތުބާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ވަނީ ވާދަވެރި ނިއު ރޭޑިއަންޓާ ގުޅިފަ އެވެ.