21 Jan 2014, 10:04
ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭޒްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަފްތާ ތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް އެކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
ޓޮރޭޒްގެ ފަޔަށް އަނިޔާ ލިބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން ޗެލްސީ މޮޅުވި މެޗުގަ އެވެ. އެމެޗުގެ 79 ވަނަ މިނިޓުގައި ޓޮރޭޒް ކުޅެން ނުކުތީ ޗެލްސީއަށް ހެޓްރިކް ހަދައިދިން ސެމުއެލް އެޓޫގެ ބަދަލުގަ އެވެ.
މޮރީނިއޯ ބުނީ، ޓޮރޭޒްއަށް އަނިޔާ ލިބުނު ނަމަވެސް އެމަގާމަށް ކުޅޭނޭ ކުޅުންތެރިޔަކު ތައްޔާރަށް ހުރިކަމަށެވެ. އެއީ އެޓީމުގެ ސެނެގާލް ފޯވާޑް ޑެމްބާ ބާ އެވެ.
"މިހާރު މިއޮތީ ޑެމްބާގެ ވަގުތު ޖެހިފައި. ޓޮރޭޒް ވަރަށް ރަނގަޅު ފޯމެއްގައި ހުއްޓައި އޭނާ އިންޖަރީވުމަކީ ވަރަށް ބޮޑު ދެރައެއް،" މޮރީނިއޯ ބުންޏެވެ. "ޑެމްބާ ވަނީ މިދިޔަ ހަފްތާ ތަކުގައި ޓީމަށް އެރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި. އެހެން ކަމުން ޓީމު އެކުލަވައިލިއިރު އޭނާ ނުހިމަނައި ދޫކޮށްލުމަކީ އަހަންނަށް އުނދަގޫ ކަމަކަށްވި،"
މޮރީނިއޯ ބުނީ، ޗެލްސީ ދެން އެންމެ އަވަހަށް ކުޅޭ މެޗެއްގެ ފުރަތަމަ އެގާރައިގާއި އަރާނީ "ޑެމްބާ ނުވަތަ އެޓޫ" ކަމަށެވެ.
ޗެލްސީއަށް ކުރިއަށް އޮތީ އެފްއޭކަޕް ގައި ސްޓޯކް ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ. އޭގެ ފަހުން ޕްރިމިއާ ލީގުގައި ވެސްޓްހޭމްއާ ދެކޮޅަށް ކުޅޭއިރު ދެން އޮތް މެޗުގައި ވާދަކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.