އެމެރިކާގެ އިސް ޑިޕްލޮމޭޓެއް ކަމަށްވާ ޕާކިސްތާނަށާއި އަފްޣާނިސްތާނަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބު ރިޗަޑް ހޯލްބްރޫކް އަވަހާރަވެއްޖެ އެވެ. ހޯލްބްރޫކްއަށް ކުރިމަތިވެ ވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާގުޅިގެން އެމެރިކާގެ ޖޯޖް ވޮޝިންގޓަން ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގައި އޭނާ އެޑްމިޓް ކުރެވުނީ މިދިޔަ ހުކުރު ދުވަހު އެވެ. ވައިޓް ހައުސް އިން ބުނީ ޢުމުރުފުޅުން ފަސްދޮޅަސް ނުވަ އަހަރުގެ ހޯލްބްރޫކް ގެ ޙާލަތު ދަށްވަމުން ގޮސް ރޭގެ ވަގުތެއްގައި އަވަހާރަވީ ކަމުގަ އެވެ.


ހޯލް ބްރޫކް ކުއްލި ޙާލަތުގައި ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ހުކުރުދުވަހު އޭނާގެ އޮފީހުގައި ހުންނަވަނިކޮށް އަނބުރައިގަނެ ބިންމައްޗަށް ވެއްޓިވަޑައިގަތުމާ ގުޅިގެންނެވެ. ހޯލް ބްރޫކަަށް ކުރިމަތިވި މައްސަލައަކީ ހިތަށް ލޭފޮނުވާ މައިނާރުތަކުގެ ތެރޭން ނާރެއް ފަޅައިގެން ދިޔުމެވެ. މިކަމާބެހޭ ޚާއްސަ އޮޕަރޭޝަނެއް ކުރުމަށްފަހު ވޭތުވެދިޔަ ދެތިންދުވަހު ހޯލް ބްރޫކް އޮންނެވީ ވަރަށް ކްރިޓިކަލް ޙާލަތެއްގައި ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގައި އައި.ސީ.ޔޫ ގަ އެވެ.


ރިޗަޑް ހޯލްބްރޫކަކީ ބޮސްނިޔާގެ ހަނގުރާމަ ނިމުމަކަށް ގެނައި ޑޭޓަން އެއްބަސްވުން ވުޖޫދަށް ގެނައުމުގައި މެދުވެރިއެއްގެބައި އަދާކުރެއްވި އެމެރިކާގެ ސީނިއަރ ޑިޕްލޮމޭޓެކެވެ. އޭނާއަކީ ޖަރުމަނަށް އެމެރކާއިން ކަނޑައަޅާފައިވާ ސަފީރުކަމުގެ މަޤާމްވެސް ފުރައްވާފައިވާ ބޭފުޅެކެވެ. އަފްޣާނިސްތާނަށާއި ޕާކިސްތާނަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބުކަމުގެ މަޤާމަށް ހޯލްބްރޫކް އިސްކުރެވުނީ 2009 ވަނަ އަހަރުގަ އެވެ.