ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން އުމަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަންހެނަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގައި މ. ޒިލިއަންގޭން ހައްޔަރުކޮށްފައިވާ 47 އަހަރުގެ އަންހެން މީހާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރި މައްސަލައެއްގެ ކުށް ޝަރީއަތަށް ޝާބިތުވެގެން އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުއްޓާ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން 2008 އަހަރު ގޭ ބަންދަށް ބަދަލުކޮށްފައިވާ މީހެކެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އެ އަންހެން މީހާގެ އިތުރުން 20 އަހަރާއި 24 އަހަރާއި 53 އަހަރުގެ ތިން ފިރިހެނުންނާއި 19 އަހަރާއި 35 އަހަރުގެ ދެ އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން މ. ޒިލިއަންގެއާ ޖެހިގެން ހުރި މ. ޒެފިއަ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި 21 އަހަރާއި 28 އަހަރުގެ ދެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ މ. ޒިލިއަންގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭގެ ތެރެއިން 140،000ރ. އާއި 11،000 ޑޮލަރު (169620 ރުފިޔާ) ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެގޭގެ ތެރެއިން ފެނިފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 200،000ރ. އަށް ވުރެ ގިނަވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.