ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް، ސްރީލަންކާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަނިކުފާނުގެ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އެނބުރި ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޖާފަތެއް ވެސް އޮންނާނެ އެވެ. ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާ، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ އެވެ. އަދި ސްރީލަންކާގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްރީލަންކާ – މޯލްޑިވްސް ބިޒްނަސް ކައުންސިލުން އިންތިޒާމްކޮށްގެން، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރްޞަތުތައް ފުޅާކުރުމާއި ވިޔަފާރީގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ބިޒްނަސް ފޯރަމެއް ބާއްވަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ފޯރަމްގައި ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރީގެ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީ އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޕާލެމެންޓް ގްރޫޕްގެ މެމްބަރު މޫސާ ޒަމީރާއި އަލީ އާރިފާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފާއި އަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވަ އެވެ.