21 Jan 2014, 09:49
ގއ. އަތޮޅު ކައުންސިލްގެ ވިލިނގިލީ ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާފައިވާ މަސްއޫދު އަހްމަދު ނަން އަނބުރާ ގެންދަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މަސްއޫދު ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް އޭނާ ހުށަހަޅާފައިވާ ފޯމް ކެންސަލް ކޮށްދިނުމަށް އެދި އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިހާރު ވެސް ގއ. އަތޮޅު ކައުންސިލްގެ ނާއިބް ރައީސްގެ މަގާމް އަދާކުރައްވަމުން އަންނަ މަސްއޫދު ވިދާޅުވީ އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވާނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑަކީ ޕީޕީއެމްގެ މީހެއް. އެހެންވީމާ މި އިންތިޚާބުގައި އަޅުގަނޑު މަސައްކަތް ކުރާނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް،" މަސްއޫދު ވިދާޅުވި އެވެ.
ގއ. އަތޮޅު ކައުންސިލް އިންތިޚާބުގައި މަސްއޫދު އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ އޭނާ އަކީ އެކަމަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް މަސްއޫދު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ހުކުމް ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
ވިލިނގިލީ ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބު ފަސްކޮށްފައި ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މަސްއޫދަށް ދިނުމުގެ ގޮތުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ވިލިނގިލީ ދާއިރާގެ އަތޮޅު ކައިންސިލް އިންތިޚާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ދެ ކެންޑިޑޭޓެކެވެ. އިތުރު އެއްވެސް ކެންޑިޑޭޓެއް އެ ދާއިރާއަށް ކުރިމަތިލައްވާފައެއް ނުވެ އެވެ.