21 Jan 2014, 09:42
ފުޓްބޯޅަ މެޗުތަކުގައި ރީނދޫ ކާޑާއި ރަތްކާޑުގެ އިތުރުން "އޮރެންޖް ކާޑް" ތައާރަފް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ކަމަށް ވާދަކުރަށްވާ އެއް ކެންޑިޑޭޓް ކަމަށްވާ ފްރާންސްގެ ކުރީގެ ޑިޕްލޮމޭޓް ޖެރޯމް ޝެމްޕޭން ހުށަހަޅުއްވައިފި އެވެ.
ޝެމްޕޭން މިކަން ހުށަހަޅުއްވާފައި ވަނީ، 2015 ވަނަ އަހަރު ޒިއުރިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރަށްވާނޭކަން ރަސްމީކޮށް އިއުލާނު ކުރެއްވުމަށް ރޭ ލަންޑަނުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގަ އެވެ.
އޮރެންޖު ކާޑުގެ ސަބަބުން ކުޅުންތެރިއަކު ދަނޑުމަތީގައި ކުރާ ކުށަކަށް އަދަބު ދިނުމުގެ ގޮތުން ރެފްރީ ބޭނުން ވުމުން އެކުޅުންތެރިޔާ ކަނޑައެޅޭ ވަކި ވަގުތަކަށް (ދެ މިނިޓް ނުވަތަ ތިން މިނިޓަށް) ދަނޑުން ބޭރުގައި ބެހެއްޓޭނެ އެވެ.
ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާއާ ވާދަކުރެއްވުމަށް އެ އިދާރާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ކުރިންކުރިން ފުރުއްވި އުމުރުން 55 އަހަރުގެ ޝެމްޕޭން ނުކުންނަވާނޭ ކަން ހާމަކުރެއްވިއިރު އޭނާ ވަނީ، އޭނާގެ ޕްރޮޕޯސަލްގައި އިތުރު ކަންތައްތަކެއް ވެސް ހިމަނައިފަ އެވެ.
އެގޮތުން މެޗުގެ ތެރޭގައި ކުޅުންތެރިން އޮފިޝަލުންނާ ސުވާލުކުރުން ހުއްޓުވުމާއި، އެފަދަ ކަންތައް ހުއްޓުވުމަށް ބާރު އަޅައި ގަވާއިދުތަކެއް ތައާރަފް ކުރަށްވާނޭ ކަމަށް އުމުރުން 55 އަހަރުގެ ޝެމްޕޭން ވިދާޅުވި އެވެ.
އޭނާގެ ހުށަހެޅުންތަކުގެ ތެރޭގައި، ކްލަބު ތަކުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންގެ "ކޯޓާ"އަށް ބަދަލުގެނައުމާއި، ރަގްބީ ގައި އޮންނަގޮތަށް ވަކި ދުރުމިނަކުން ހިލޭ ޖެހުމެއް ލިބޭ ހާލަތުގައި އެކަމާ ގުޅޭ ގޮތުން ޓީމުގެ ކެޕްޓަން ފިޔަވައި އެހެން ކުޅުންތެރިއަކަށް ރެފްރީއާ ސުވާލު ނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.
ޝެމްޕޭންގެ އަނެއް ހުށަހެޅުމަކީ، ކުޅުންތެރި އަކު ލަނޑުޖަހަން ވަންނަނިކޮށް އިދިކޮޅު ޓީމުގެ ޕެންލަޓީ އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިޔާ ލަނޑު ޖަހަން އައި ކުޅުންތެރިޔާއަށް ފައުލު ކުރުމުން އެކުޅުންތެރިޔާއަށް މިހާރު ދޭ އަދަބެއް ކަމަށްވާ، ލަނޑު ޖެހުމުގެ ފުރުސަތު ގެއްލުނު ޓީމަށް ޕެނަލްޓީ ދިނުމާއި، ފައުލްކުރި ކުޅުންތެރިޔާއަށް ރަތްކާޑު ދެއްކުމާއި އަދި އެކުޅުންތެރިޔާ އިތުރަށް ސަސްޕެންޑް ކުރުން (ޓްރިޕްލް ޕަނިޝްމަންޓް)ގެ ގަވާއިދު އުވާލުމަށް ވެސް އޭނާ ހުށަހަޅުއްވާފައި ވެއެވެ.
ފީފާގެ ރައީސް ކަމަށް ވާދަކުރަށްވާ ބޭފުޅުން ހަ ބައްރުގެ ފުޓްބޯޅަ ކޮންފެޑެރޭޝަންސްގެ ހާޒިރުގައި ކުރެވޭ ޓީވީ ބަހުސެއްގައި ބައިވެރިވުމާއި، ފީފާގެ ރައީސާއި އެ އިދާރާގެ އެހެނިހެން އިސް އޮފިޝަލުންނަށް ލިބޭ މުސާރަ އާންމުކުރުންވެސް އޭނާގެ ޕްރޮޕޯސަލްގައި ވެއެވެ.
"އަހަރެމެން ބޭނުންވަނީ ތަފާތު ފީފާ އެއް،" ބްރެޒިލްގެ ކުރީގެ ތަރި ޕެލޭގެ ތާއީދާއެކު ފީފާގެ ރައީސް ކަމަށް ވާދަކުރަށްވާ ޝެމްޕޭން ވިދާޅުވި އެވެ. "މިހާރަށްވުރެ ޑިމޮކްރެޓިކް، މިހާރަށްވުރެ އިހްތިރާމް ލިބިގެންވާ، އަދި މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާ ތަނަކަށް ފީފާ ހަދަންޖެހޭ،"
ދުނިޔޭގެ ފުޓްބޯޅައިގެ ތަށި ތިންފަހަރު ކާމިޔާބުކުރުމުގެ ޝަރަފް ހޯދާފައިވާ، ޕެލޭ ބުނީ، ފުޓްބޯޅައިގެ ވާހަކަތަކާ ދުރުގައި ހުރުމަކީ އޭނާއަށް ދަތި ކަމެއް ކަމަށާއި ޝެމްޕޭންގެ ފުޓްބޯޅައިގެ ތަސައްވަރަށް އޭނާ ފުރިހަމައަށް ތާއީދު ކުރަށްވާ ކަމަށެވެ.
ފީފާގެ ރައީސް ކަމަށް ކުރިމަތި ލައްވާނޭކަން މިހާރުގެ ރައީސް ބްލެޓާ ރަސްމީކޮށް ހާމަކުރަށްވާފައި ނުވާއިރު ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ވަނީ، އޭނާ ވެސް އެމަގާމަށް ވާދަކުރަށްވާނޭ ކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ.