އިންޑިއާ ސަރުކާރުން މާލޭގައި ބިނާކޮށްދީފައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ވީކް "ދޯސްތީ- އެކުވެރިކަން" ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވީ އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުނި މިހާރު ވެސް ރާއްޖެ އައިސްފައިވާ ކަމަށެވެ.

"... ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން މިއުޅެނީ ހޮސްޕިޓަލް އިތުރަށް ޒަމާނީ ކުރަން. މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. އިންޑިއާގެ ކުންފުނި، ނެޝަނަލް ބިލްޑިންގް ކޮންސްޓްރަކްޝަން ކޯޕަރޭޝަން މިހާރު ވެސް ތިބީ ރާއްޖެ އައިސް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މަޝްރޫއު ވަރަށް އަވަހަށް ނިންމާލެވޭނެ،" ޝަހާރޭ ވިދާޅުވި އެވެ.

މުޅި އައިޖީއެމްއެޗް މަރާމާތުކޮށް ޒަމާނީ ކުރުމުގެ މަސައްކަތަކީ މީގެ އަހަރެއްހާ ދުވަސްކުރިން އިންޑިއާ ސަރުކާރުން އިއުލާންކޮށްފައިވާ މަޝްރޫއެކެވެ. އިންޑިއާ ހައިކޮމިޝަނުން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އޮޕަރޭޝަންތައް ހުއްޓައި ނުލަ އެވެ.

އިންޑިއާ އިން އަންނަނީ ތަފާތު ދާއިރާތަކުން ރާއްޖެއަށް ބޮޑެތި އެހީތައް ދެމުންނެވެ. ރޭގެ ހަފުލާގައި ޝަހާރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުމުގެ އާ ސަފުހާއެއް ހުޅުވިފައިވާ ކަމަށެވެ.

"އިންޑިއާގެ ލީޑަޝިޕަށް ވަރަށް ބޮޑަށް އިހުސާސްވި އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގައި އާ ސަފުހާއެއް ހުޅުވުނު ކަމަށް،" ޝަހާރޭ ވިދާޅުވި އެވެ.