21 Jan 2014, 09:38
ބެންކޮކް (ޖަނަވަރީ 21): ތައިލެންޑްގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ވެރިރަށް ބެންގްކޮކްގައި ކުރަމުންދާ ދިގުލީ އިހްތިޖާޖްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ހަމަނުޖެހުންތައް ހިންގަމުން ގެންގޮސް އަމަންއަމާންކަމަށް ގެއްލުންވާ ހިސާބަށް ކަންތައް ގޮސްފައިވާތީ ބެންގްކޮކްގައިކުއްލި ޙާލަތު އިޢްލާންކުރުމާމެދު ވިސްނަމުންދާކަން ތައި ސަރުކާރުން ހާމަކޮށްފި އެވެ.
ތައިގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ޕަރާޑޯން ޕަތަންތަނަބުޓްރު ވިދާޅުވީ އިހްތިޖާޖްތަކުގެ ސަބަބުން ބެންކޮކްގެ އަމަންއަމާންކަން ގެއްލި ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ ވިޔަފާރީގެ މަސްލަހަތަށް ބުރޫއަރާތަން ބަލަން ސަރުކާރަށް ނޯވެވޭނެ ކަމަށާ އެހެންކަމުންބެންކޮކް ކުއްލި ހާލަތު އިޢްލާންކުރުމާމެދު ސަރުކާރާ، ފުލުހުންނާ، އަދި ސިފައިން ކޯޑިނޭޓްކޮށް އެކަމާމެދު ވިސްނަމުންދާކަމުގަ އެވެ.
ތައި ސަރުކާރުން ކުއްލި ޙާލަތު އިޢްލާންކޮށްފި ނަމަ އިދިކޮޅު ފަރާތްތަކަށް މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރުމުގެ ފުރްސަތު ގެއްލިގެންދާނެ އެވެ. މިފަދަ ޙާލަތެއްގައި މުޒާހަރާ ކުރުންފަދަ މަގުމަތީގެ ޙަރަކާތްތައް މަނާކަމަކަށްވާތީ އެކަންކުރާފަރާތްތައް ވަގުތުން ހައްޔަރުކޮށް އެމީހުންގެ މައްސަލަ ޝަރީޢަތަށް ފޮނުވުމުގެ ބާރު ކުއްލި ހާލަތުގެ ގާނޫނުގެ ދަށުން ތައި ސަރުކާރަށް ލިބިގެންވެ އެވެ. ނަމަވެސް ކުއްލި ހާލަތު އިޢްލާންކުރަން ޖެހޭ ހިސާބަށް ނުދަނީސް އެކަންކުރުމުގެ ފުރްސަތު ސަރުކާރަކަށް ނޯވެ އެވެ.
ތައިލެންޑްގެ އިދިކޮޅު ފަރާތްތަކުން ބެންގްކޮކްގައި ކުރަމުންދާ ދިގުލީ މުޒާހަރާތަކުގައި މިދިޔަ ހަފްތާ ބަންދުގައި ހިނގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެ، 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މީގެއިތުރުން މުޒާހަރާކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކްޓިވިސްޓް ގްރޫޕްތަކުން ސަރުކާރުގެ އޮފީސްތަކަށް ވަދެ އެތަންތަން ބަންދުކޮށް ތަޅުއަޅުވައި މަސައްކަތް ހުއްޓުވުމުގެ ހަރަކާތްތަކެއް ވެސް ގެންދަނީ ހިންގަމުންނެވެ.
ތައިގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ބެންކޮކްގައި ހުންނަ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާ ނަމަ ގައުމު ހުއްޓުމަކަށް އަންނާނެ ކަމަށާ ސަރުކާރުން ރައްޔިތުންނަށް ދޭންވާ ޚިދްމަތްތައް ނުދެވޭ ހިސާބަށް ވެސް ކަންތައްތައް ހިނގައިދާނެ ކަމުގަ އެވެ. މިފަދަ ޙާލަތްތަކުގައި ބެންކޮކް ކުއްލި ޙާލަތަށް ގެނަސް ސަލާމަތީ ބާރުތަކަށް ލިބިގެންދާނެ ބާރުތައް ބޭނުންކޮށްގެންނޫނީ ގައުމު ހަމައަކަށް ނޭޅުވޭނެ ކަމަށާ ގައުމު ހިންގުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ފަސްނުޖެހި ސަރުކާރުންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތައިލޭންޑްގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ފެށި މުޒާހަރާތަކުގެ ސަބަބުން ބެންގްކޮކްގެ ބޮޑުބައެއް ހަލަބޮލިވެފައިވާތާ ތިން މަސްވެފައިވާ އިރު މިކަން ޙައްލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އަންނަ މަހު ގައުމުގައި އަވަސް އިންތިޚާބު ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.