ވިއެނާ (ޖަނަވަރީ 21): އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމާބެހޭ ގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ތަންފީޒުކުރަން އިއްޔެ ފެށުމާ އެކު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިއްޔެއިން ފެށިގެން ލުއިތައް ދެމުންގެންދާނެކަން އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން ހާމަކޮށްފި އެވެ.

ވައިޓް ހައުސްއިން ބުނީ ނިއުކްލިޔާ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން އީރާން އެޅި ފިޔަވަޅުތަކަށް އެމެރިކާ ސަރުކާރުން މަރްހަބާކިޔާ ކަމަށާއި 2006 ވަނަ އަހަރުން ފެށިގެން އެމެރިކާ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިއްޔެއިން ފެށިގެން ލުއިތައް ދޭންފަށާފައިވާ ކަމުގަ އެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެޓްރިން އެޝްޓަންވެސް ވަނީ ނިއުކްލިޔާ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން އީރާން އަޅަންފަށާފައިވާ ފިޔަވަޅުތަކާ ގުޅިގެން އީރާނަށް ލުއިދިނުމުގެ ފިޔަވަޅުތައް ޔޫރަޕްގެ އިއްތިހާދުން ވެސް އިއްޔެއިން ފެށިގެން އަޅަމުން ގެންދާކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބިނާވެފައި ވަނީ އީރާނުން ކުރިޔަށްގެންދާ ޔޫރޭނިޔަމް ފައްކާކުރުމުގެ ލެވެލް 20 އިންސައްތައަށް ވުރެ އިތުރުނުކުރުމާއި ޔޫރޭނިޔަމް ފައްކާކުރުމާ ބެހޭ ބައެއް ހަރަކާތްތައް މަޑުޖައްސާލުމާ އެކު އީރާނުގެ ނިއުކްލިޔާ އިތުރު ސައިޓްތަކަށް ވަދެ ބަލައި ފާސްކުރުމުގެ އިތުރު ފުރްސަތުތައް ބައިނަލްއަޤްވާމީ އިނިސްޕެކްޓަރުންނަށް ދިނުމުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް އެމެރިކާ އާއި ޔޫރަޕުން ލުއިތައް ދިނުމުގެ މައްޗަށެވެ. މިއެއްބަސްވުމުގައި ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުން ޝަރުތުކޮށްފައި ނުވާތީ މިއީ އީރާނުގެ ނިއުކްލިޔާ ހައްގުތައް ހިމާޔަތް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެގައުމުން ދެކެ އެވެ.

ނިއުކްލިޔާ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން އީރާނުން އިއްޔެ ވަނީ އެގައުމުން 20 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރާ ދެ ލެބޯޓްރީއެއްގެ މަސައްކަތް ހުއްޓާލާފަ އެވެ. ނަމަވެސް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް ކުރާ އެހެން މަސައްކަތްތަކާއި 20 އިންސައްތައަށް ވުރެ ދަށްކޮށް ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖް މެޝިންތަކުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ ޢަލީ އަކްބަރު ސާލިހީ ވަނީ ވިދާޅުވެފަ އެވެ. އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީން ވަނީ 20 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރާ ދެ ލެބޯޓްރީއެއްގެ މަސައްކަތް އިއްޔެ އީރާނުން ހުއްޓާލާފައިވާކަން އެމެރިކާ އަށާއި ޔޫރަޕަށް ކަށަވަރުކޮށްދީފަ އެވެ.

ހަ މަސް ދުވަހުގެ މިއެއްބަސްވުމުގެ ދަށުން އެތައް ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތްތަކެއް ހިންގުމުގެ ފުރްސަތު އީރާނަށް ތަނަވަސްވެގެންދާނެ އެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހީނަރުވެފައިވާ އީރާނުގެ އިގްތިސާދަށް ވަރަށްބޮޑު ދިރުމެއް ލިބިގެންދާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ މަގްސަދަކީ އެގައުމުގެ ނިއުކްލިޔާ މަޝްރޫޢަކީ މަދަނީ ސުލްޙަވެރި މަޝްރޫޢެއްކަން ހުޅަނގަށް ސާބިތުކޮށްދިނުމެވެ. (ނޫސްއެޖެންސީތައް)