މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލާއި އެ ތިޖޫރިން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެ އިދާރާގެ މުވައްޒަފުގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ފ. އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ފ. ނިލަންދޫ ފޮނިލުނބޯގޭ އަބްދުލްވާހިދު އަބްދުލް އަޒީޒު އެވެ.

އޭނާއަށް ކުރިން ޖަހައިދިން 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރިން އެހާ ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އެ ފައިސާތައް ހޯދިފައެއް ނުވެއެވެ.

ނިލަންދޫން ސަންއާ ވާހަކަދެއްކި މީހަކު ބުނީ އެއީ ދުރާލައި ރާވައިގެން ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.

އޭނާ ބުނީ ދުވަހެއް ދުވަހަކަށް ވާހިދުގެ ބަންދުގެ މުއްދަތު އިތުރު ކުރަނީ އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ލިބެމުންދާތީ ކަމަށެވެ.

ދުރާލައި ރާވައިގެން ހިންގި އެ ބޮޑު ޖަރީމާގައި އަމަލީގޮތުން ބައިވެރިވި އެތަށް ބަޔަކު ނިލަންދޫގައި އަދިވެސް އެބަތިބި ކަމަށާއި ނަމަވެސް މިހާތަނަށް އެއްއިން އެއްވެސް މީހަކު ހައްޔަރު ނުކުރާތާގައި ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"ބައްލަވާ ފ. އަތޮޅު ކައުންސިލް އިދާރާއިން ވަގަށް ނަގައިގެން މި އުޅެނީކީ މަދު އަދަދެއްގެ ފައިސާއެއް ނޫން. ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ. އެއީ ރައްޔިތުންގެ ފައިސާ. އެފައިސާ އުނިވުމުން އެކަމުގެ ގެއްލުންވާނީ މިއަތޮޅުގެ [ފ. އަތޮޅުގެ] ރައްޔިތުންނަށް. މި އަތޮޅުގެ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ކަންބޮޑުވޭ މިއަދާހަމައަށް ވެސް އެ ފައިސާތައް ހޯދިފައި ނުވާތީ. އެކަމުގައި އަމަލީގޮތުން ބައިވެރިވި އެތަށް ބަޔަކު މި ނިލަންދޫގައި އެބަތިބި. އެއިން މީހަކު ހައްޔަރު ނުކުރާތާގައި އެންމެ ކުޑަމިނުން ސުވާލެއް ވެސް ކޮށްފައެއް ނުވޭ،" ނިލަންދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވާހިދު ހައްޔަރުކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު އެވެ.