މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމުގެ ތުހުމަތުގައި ބަލާ ފާސްކުރި މ. ޒިލިއަންގެއިން ފެނުނު ރުފިޔާގެ އަދަދު ބައި މިލިއަނެއްހާ ރުފިޔާއަށް އަރައިފި އެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ޒިލިއަންގެ ބަލައި ފާސްކުރިއިރު، އެގޭގެ ތެރެއިން 140،000ރ. އާއި 11،000 ޑޮލަރު (169620 ރުފިޔާ) ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެގޭގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 200،000ރ. އަށް ވުރެ ގިނަވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިއަދު ހެނދުނު ފެށި އޮފަރޭޝަން މިއަދު ހަވީރު 5:30އަށް ނިންމާލިއިރު، އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާއިރު، ހަޝިޝް އޮއިލް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ބޮޑު ޕެކެޓެއް ވެސް ވަނީ ފެނިފަ އެވެ. އެތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސް ކުރި ފަސް ދަޅު ވެސް ވަނީ އެގޭގެ ތެރެއިން ފެނިފަ އެވެ.

މަސްތުވާތަކެތީގެ އިތުރުން ބަނގުރާ ހުސްކުރި ފުޅި ތަކަކާއި ބިޔަރު ދަޅު ތަކެއް ވެސް ވަނީ ޒިލިއަންގޭގެ ތެރެއިން ފެނިފަ އެވެ. ފުލުހުން ބުނީ ޒިލިއަންގެއާ އިންވެގެން ހުރި މ. ދެފިޔަ ގޭގެ ތެރެއިން ނުކަނޑާ ހުރި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށެވެ. އަދި އެގޭގެ ތެރެއިން ވަނީ ބިޑިއަކާއި ބިޑިއެއްގެ ތަޅުދަނޑިއެއް ވެސް ފެނިފަ އެވެ.

ޒިލިއަންގެ ބަލާ ފާސްކުރުމުގެ ތެރޭ ވަނީ ފަސް ވޯކީޓޯކީ އާއި ފިރިހެންހަށި ސިފަވާ ގޮތަށް ހަދާފައިވާ ހަތަރު ރަބަރު އެއްޗެއް ވެސް ފެނިފަ އެވެ. އަދި ފޮރުވައިގެން ގެންގުޅުނު "ސްލޯ ލޮރިސް" އެއް ވެސް ފެނިފައި ވެއެވެ.

ފުލުހުން މިއަދު ހިންގި އެ އޮޕަރޭޝަނާއި ގުޅިގެން ވަނީ އެގޭގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އެގެ ތެރޭގައި ތިން އަންހެނަކު ވެސް ހިމެނެ އެވެ.