އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ ޖަރުމަނަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިަނޑު ބޭނުމަކީ ޖަރުމަނާއެކު އިޤްތިސާދީ އަދި ސިނާޢީ ވަރުގަދަ ގުޅުންތަކެއް ޤާއިމްކުރުމުގެ ފުރްސަތު ތަނަވަސްކުރުމެވެ. އިންޑިޔާގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން ޖަރުމަނުގެ މުސްތަޝާރާ އެންޖެލާ މާކަލްއާ އެކު މަންމޯހަން ސިންގ ދެއްކެވި ވާހަކަތައް ބިނާކުރެއްވީ ޖަރުމަނުގެ އިންވެސްޓްމަންޓްތައް އިންޑިޔާގައި އިތުރުކުރެވޭނެގޮތްތަކާބެހޭގޮތުންނާއި ދެޤައުމުގެ ދެމެދުގައި މިހާރު ކުރެވެމުންދާ ވިޔަފާރީގެ މުޢާމަލާތްތައް ކުރިޔަށްއޮތް ދެއަހަރުތެރޭގައި 50 އިންސައްތައަށް  އިތުރު ކުރުމުގެ މައްޗަށެވެ. މިހާރު ދެޤައުމުގެ ދެމެދުގައި އަހަރަކު ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކުގެމިންވަރަކީ 13 ބިލިޔަން އެމެރިކާ ޑޮލަރެވެ. މީގެތެރޭގައި ގިނައީ އެކިބާވަތުގެ މެޝިނަރީއެވެ. އެންގެލާ މާރކަލްއާއި މަންމޯހަން ސިންގ އެއްބަސްވެ ވަޑައިގެންފައިވަނީ 2012 ވަނަ އަހަރުގެ ނިޔަލަށް ދެޤައުމުގެ ދެމެދުގައި އަހަރަކު ހިނގާ ވިޔަފާރީގެ މުޢާމަލާތްތަކުގެމިންވަރު 13 ބިލިޔަން އެމެރިކާ ޑޮލަރަށް މައްޗަށް ޖެއްސުމަށެވެ.


ޖަރުމަނަކީ ދުނިޔޭގައި ހަތަރުވަނަ އަށް އެންމެ ބޮޑު އިޤްތިސާދެވެ. އަދި ޔޫރަޕްގެ އެންމެ ބޮޑު އިޤްތިސާދަކީވެސް ޖަރުމަނެވެ. އެހެންކަމުން ޔޫރަޕްގެ ސިނާޢީ މައި މަރުކަޒުގެ ގޮތުގައި އަދިވެސް ބެލެވެނީ ޖަރުމަނަށެވެ. އިންޑިޔާއަކީ ދުނިޔޭގެ އިޤްތިސާދީ ބާރަކަށް ވުމަށް މަސައްކަތް ކުރަމުންގެންދާ ޤައުމެކެވެ. ނަމަވެސް އަދި ފަސްވަރަކަށް އަހަރުފަހުން ނޫނީ ދުނިޔޭގެ އިޤްތިސާދީ ބާރެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އިންޑިޔާގެ ޤައުމީ އާމްދަނީ މައްޗަކަށް ނުދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިޔާގެ ޖަރުމަނުގެ ކިބައިން އެންމެ ބޮޑަށް އެދެނީ އެމެރިކާގެ ކުންފުނިތަކެކޭ އެއްގޮތަށް ޖަރުމަނުގެ ކުންފުނިތަކުން އިންޑިޔާގައި މިހާރަށްވުރެ ބޮޑަށް އިންވެސްޓް ކުރުމަށެވެ. އެއީ މިކަމުގެ ސަބަބުން އިންޑިޔާގެ ޒުވާން ތަޢްލީމީ ޖީލަށް ވަޒީފާގެ ފުރްސަތުތައް އިތުރުވެ އިންޑިޔާގެ އިޤްތިސާދު ފުޅާވުމަށް މަގުފަހުވެގެންދާނެތީއެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވިހި ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓްތައް އިންޑިޔާއަށް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިއީ އިންޑިޔާ ބޭނުންވެފައިވާ ވަރަށްވުރެ ދަށް މިންވަރެކެވެ. އިންޑިޔާއިން މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ އެޤައުމުގެ އިންްޕްރާސްޓްރަކްޗަރ ޒަމާނާއެއްގޮތަށް ތަރައްޤީކުރުމަށެވެ. މިކަމަށް މަދުވެގެން ފައްސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތައް ބޭނުންވެއެވެ. މަންމޯހަން ސިންގ ގެ ދަތުރުފުޅުގައި ޖަރުމަނުގެ ކިބައިންވެސް އިންޑިޔާ އެންމެ ބޮޑަށް އެދިފައިވަނީ އިންޑިޔާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ދާއިރާގައި އިންވެސްޓްމަންޓް ކޮށްދިނުމަށެވެ. އިންޑިޔާއަށް ޒަމާނީ ތަރައްޤީ ލިބެންއޮތީ އެޤައުމުގެ ޒަމާންވީ ބާ އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރެވިގެންނެވެ. ޚާއްސަކޮށް އެއަރޕޯޓްތަކާއި ރޭލްވޭތަކާއި މަގުތަކާއި ހައިވޭތަކާއި ފެނާއި ނަރުދަމާއާއި ކަރަންޓާއި އެހެނިހެން މުވާސަލާތީ ވިއުގަތަކެވެ. އެކިއެކި ޢިމާރާތްތަކާއި ބަނދަރުތަކާއި ސްކޫލްތަކާއި ޔުނިވަރސިޓީތައްފަދަ ތަންތަންވެސް ޒަމާނީކުރަންޖެހިފައިވާ ކަމަށް ރިޕޯޓްތައްބުނެއެވެ.