14:30


ރ. އުނގޫފާރު ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އުމުރުން 76 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު އެއްކޮށް ފިހި، ހާލު ވަރަށް ސީރިއަސްވެގެން މާލެ ގެނެސްފި އެވެ.


އުނގޫފަރު ކަތީބު އަބުދުލް ހަމީދު މިއަދު ވިދާޅުވީ ރޭ ފަތިހު 5:30 ހާއިރު އެ ހާދިސާ ހިނގާފައި ވަނީ އުނގޫފާރު ކަޝްމީރުވިލާގޭގެ ބަދިގޭގައި ހުރި ގޭސް އުނދުނުން ގޭސް ލީކުވެފައި ހުއްޓާ ސިނގިރެޓް ބުއިމަށްޓަކައި އެ މީހާ އުނދުން ރޯކުރުމުން ކަމަށެވެ. އަދި ގެއާ ވަކިން ހުންނަ ބަދިގޭގައި އޭނާ ހުއްޓާ އަލިފާން ރޯވި ވަގުތު އެނާގެ އަންހެނުންނަށް ގޮވާލި އަޑު އިވިގެން އެތަނަށް ދިޔަ ކަމަށް ކަތީބް ވިދާޅުވި އެވެ.


އެ ހާދިސާގައި އެ މީހާ ފިހުމުގެ އިތުރުން، އެގޭ ބަދިގޭގެ ސީލިންގުން ބޮޑުބައެއް ވެއްޓި، ބަދިގެ އާއި ބަދިގޭގައި ހިފައި ގެންގުޅޭ ސާމާނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.


އެމީހާ އެންމެ ފުރަތަމަ ގެންދިޔަ އުނގޫފާރު ހޮސްޕިޓަލުން ބުނީ އެ މީހާގެ ހަށިގަނޑުގެ 100 ޕަސެންޓް ފިހިފައިވާ ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެހެން ނަމަވެސް އޭރުވެސް އޭނާ ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.