އިންޑިއާ އާއި ރާއްޖޭގެ ގުޅުން ސަރުކާރުން އަބަދުވެސް ހިމަޔާތް ކުރާނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ "ދޯސްތީ އެކުވެރިކަން ހަފުތާ" ފެށުމުގެ ޑްރޭޑާސް ހޮޓަލުގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުމަކީ އެތައް ގަރުނަކަށް ދެމިގެން ގޮސްފައިވާ ގުޅުމެއް ކަމަށެވެ. އެކަމުގެ ތާރީހީ ހެއްކަކީ ދެބައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.
"...އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން މި ސަރުކާރުން ހިމާޔަތް ކުރާނެ. އަދި އެ ގުޅުން އާ އުސްމިންތަކަކަށް ގެންދަން މަސައްކަތްކުރާނެ. ސަރަހައްދީ އަދި ބައިނަލް އަގުވާމީ މުއާމަލާތްތަކުގައި އަޅުގަނޑުމެން މިކަން ކަށަވަރުކުރާނަން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖެއަށް ވަރަށް މުހިއްމު އަހަރަށް ވާނެ ކަމަށެވެ. އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެ އަށް މިނިވަންކަން ލިބުނުތާ 50 އަހަރު އަންނަ އަހަރުގެ ޖުލައި 26ގައި ފުރޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާރިޖީ ގުޅުމުގެ ރަންޔޫބިލް ފުރޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށާއި އެ މުނާސަބާ ކުލަގަދަކޮށް ފާހަގަ ކުރަންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އިންޑިއާ-ރާއްޖެގެ ގުޅުމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާ ހައި ކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގެ އާ ސަފުހާއެއް ހުޅުވުނު ދަތުރެއް ކަމަށް އިންޑިއާއިން ދެކޭ ކަމަށެވެ.

"އިންޑިއާގެ ލީޑަޝިޕަށް ވަރަށް ބޮޑަށް އިހުސާސްވި އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގައި އާ ސަފުހާއެއް ހުޅުވުނު ކަމަށް،" ޝަހާރޭ ވިދާޅުވި އެވެ.

ޝަހާރޭގެ ވާހަކަފުޅުގައި އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ކޮށްދީފައިވާ ބައެއް ހިދުމަތްތަކާ މެދު ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ.

ދޯސްތީ އެކުވެރިކަމުގެ ހަފުތާގައި ފިލްމް ފެސްޓިވަލަކާއި ޔޯގާ ވޯކްޝޮޕްތަކަކާއި އިންޑިއާގެ ކާބޯތަކެތީގެ ފެސްޓިވަލަކާއި އާޓް އެގްޒިބިޝަނަކާއި ސަގާފީ ހަވީރެއްގެ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މިޔުޒިކް ފެސްޓިވަލަކާއި ކުއިޒެއް ބޭއްވާ ދޯސްތީ ހަފްތާގައި އިންޑިއާގެ ހަތަރު ޑޮކްޓަރުންގެ ޓީމަކުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައި ކޭމްޕެއް ހިންގާނެ އެވެ. އަދި ލޮލުގެ ކުދި އޮޕަރޭޝަންތައް ހިލޭ ކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.