20 Jan 2014, 20:40
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ގެއިން ޖިންސީ އެދުން ފުއްދަން ބޭނުން ކުރާ ޒާތުގެ އާލާތްތަކެއް ފުލުހުން މިއަދު ހޯދައިފި އެވެ.
ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ ތަކެތި ހޯދާފައި ވަނީ މ. ޒިލިއަން ގެއިންނެވެ.
މިހާތަނަށް 8 މީހަކު ހައްޔަރު ކުރި އޮޕަރޭޝަންގައި ޒިލިއަންގެ އިން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާގެ ވަނީ ފެނިފަ އެވެ. އަދި ސެކިއުރިޓީ ބެލެހެއްޓުމުގައި އާއި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާ ސައިޓު ތަކުގައި ބޭނުން ކުރުމަށް ޚާއްސަކޮށް ހަދާފައި ހުންނަ ވޯކީ ޓޯކީ ތަކެއް ވެސް ވަނީ ޒިލިއަންގެއިން ހޯދާފަ އެވެ.
އެ ގެއިން ފެނުނު ޖިންސީ އެދުން ފުއްދަން ބޭނުންކުރާ އާލާތްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގެއިން ފެނިފައި ވަނީ ފިރިހެންހަށި ސިފަވާ ގޮތަށް ހަދާފައިވާ ރަބަރު އެއްޗެހިތަކެކެވެ.
ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ނ. ގެ ދަށުން އެފަދަ ތަކެތި ރާއްޖޭއަށް އެތެރެ ކުރުމާއި ގެންގުޅުމާއި އުފެއްދުމަކީ މަނާ ކަމެކެވެ. އެ ކުށުގެ އަދަބަކީ ތިން މަސް ދުވަހާއި ތިން އަހަރު ދުވަހުގެ މުއްދަތައް ޖަލަށްލުން ނުވަތަ އަރުވާލުން އަދި ގޭގައި ބަންދު ކުރުމެވެ. އަދި އެ އަދަބުގެ ބަދަލުގައި 1،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.
ޒިލިއަންގެ ބަލައި ފާސް ކުރި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ތިން ފިރިހެނަކާއި ތިން އަންހެނެކެވެ. އަދި ޒިލިއަން ގެ އާއި އިންވެގެން ހުރި މ. ދެފިޔަ ބަލައި ފާސްކޮށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
http://www.sun.mv/albums/l_22390.jpg
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހައްޔަރު ކުރި 47 އަންހެން މީހާއަކީ 25 އަހަރަށް ޖަލު ހުކުމެއްކޮށްފައިވާ މީހެއް ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމަށް ސާބިތުވެގެން ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ޑިސެމްބަރު 6، 2008ގައި އޭނާ ގޭބަންދަށް ބަދަލު ކުރި ކަމަށެވެ. އޭނާ ގޭ ބަންދަށް ބަދަލު ކުރީ ބޭސް ފަރުވާއަށެވެ.
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ބަލައި ފާސް ކުރި ޒިލިއަން ގެ އިން ރާއްޖެއަށް އެތެރެ ކުރުން މަނާ، ޖަނަވާރެއް ވަނީ ފެނިފަ އެވެ. އެ ގެއިން ފެނުނީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ރާމާމަކުނު އާއިލާއަށް ނިސްބަތްވާ ސްލޯ ލޮރިސް އެކެވެ.