20 Jan 2014, 18:13
ޕްރެސް ކުލަބެއް އުފެއްދުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މިއަދު ފަށާފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މި ޕްރެސް ކުލަބެއް އުފެއްދުމަށް މީޑިއާ ކައުންސިލުން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގަ އެވެ.
ޕްރެސް ކުލަބާއި ބެހޭ ގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން މީޑިއާ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ޕްރެސް ކުލަބެއް އުފެއްދުމުގެ މަގުސަދަކީ ސިޔާސީ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ނޫސްވެރިންނާ ދެމެދު ގާތް ގުޅުމެއް އުފެއްދުން ކަމަށެވެ.
"އަޅުގަނޑުމެން ޕްރެސް ކުލަބެއް އުފެއްދުމުގެ މަގުސަދަކީ ސިޔާސީ އެކިއެކި ފަރާތްތަކާއި އަދި އެހެނިހެން ޖަމްއީއްޔާ ޖަމާއަތްތަކާއި ނޫސްވެރިންނާއި ދެމެދު ގާތް ގުޅުމެއް އުފެއްދުން،" މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރެސް ކުލަބުގެ ސަބަބުން ނޫސްވެރިން އެންމެން އެއް ތަނަކަށް ޖަމާވެ ހިޔާލް ބަދަލު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެގޮތުން މީޑިއާ ތަކަށް ދިމާވެފައިވާ މައްސަލަ ތަކާއި އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރެސް ކުލަބުގެ މަސައްކަތްތަކާއޮ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މީޑިއާ ކައުނސިލްގެ މެންބަރު ވިދާޅުވީ ޕްރެސް ކުލަބުން ސިޔާސީ އެކިއެކި ފަރާތްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ޕްރެސް ކޮންފެރެސްންސް ބޭއްވުމަށް އެހީ ތެރިވެ އެ ކަމަށް އެހީތެރިވެ ދިނުން ހިމެނޭ ކަމަށެވެ.
މީޑިއާ ކައުންސިލުން ޕްރެސް ކުލަބް އުފެއްދުމަށްޓަކައި ވަނީ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެއް ނަގާފަ އެވެ. މެންބަރުންގެ ތެރޭގައި ހިމެނެނީ އިބްރާހިމް ހަލީލާއި އަހުމަދު ޒާހިރު (ހިރިގާ) އާއި މުހައްމަދު އަފްޒަލާއި މިދުހަތު އާދަމާއި އަލީ ރަޝީދާއި އަބްދުﷲ މުއާޒް ޔޫސުފުގެ އިތުތުން އިބްރާހިމް ޒަކީ އެވެ.