ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ސަސްޕެންޝަނާ ގުޅޭ މައްސަލަ އެހެންދުވަހަކަށް ފަސްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެމްބަރު އަހްމަދު ހަމްޒާ ވިދާޅުވީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އަލީ ހަމީދުގެ ސަސްޕެންޝަނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކޮށްފައިނުވާ ކަމަށެވެ.

މީގެކުރިން ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައި އަލީ ހަމީދު ސަސްޕެންޑު ކުރުމާ ބެހޭގޮތުން ބަހުސް ކުރުމަށްފަހު ބައްދަވުން ނިމުނު އިރުވެސް ބަހުސް ނިމިފައިނުވާތީ މިއަދުގެ ބައްދަލުވުމަށް ވަނީ އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ.

ހަމްޒާ ވިދާޅުވީ އަލީ ހަމީދު ސަސްޕެންޑުކުރުމާ މެދު ޖޭސްސީން އަވަހަށް ގޮތެއް ނިންމަންޖެހޭ ކަމަށާއި އެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އަރިހު މިއަދު ދެންނެވި ކަމަށެވެ.

އެގޮތަށް ދެންނެވުމުން ވިސްނާވަޑައިގަތުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް އާދަމް މުހައްމަދު ވިދާޅުވި ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެ މައްސަލަ [އަލީހަމީދުގެ ސަންޕެންޝަނާ ގުޅޭ މައްސަލަ] އެޖެންޑާ ކޮށްދެއްވާށޭ. ދެން [ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު] ވިދާޅުވީ ވިސްނާލުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކަމުގައި އިތުރަށް ވިސްނަންޖެހޭ ކަމެއް އޮތްކަމަށް،" ހަމްޒާ ވިދާޅުވި އެވެ.

ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންކިކަމަށް ތުހުމަތު ކުރެވިފައިވާ އަލީ ހަމީދު ސަސްޕެންޑު ކޮށްފައި ނުވާއިރު އެނޫން އެހެން ބާތުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދެ ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވާތާ އެތަކެއް ދުވަސް ވެއްޖެ އެވެ. ނަމަވެސް އެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަ މައްސަލައިގެ ތަހުގީގު ދިޔައީ ކިހާ ހިސާބަކަށް ކަމަށް އެނގިފައެއް ނުވެއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ސަސްޕެންޑު ކުރުމާ ގުޅިގެން، ޖޭއެސްސީގެ މައްޗަށް ދައުވާކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވޭގޮތެއް ވަނީ ނުވެފަ އެވެ. އަދި އެނޫންނަސް ހައިކޯޓަށް ހުށަހެޅިފައިވާ ބައެއް ޖިނާއީ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ވެސް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ސަސްޕެންޑު ކުރުމާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ، ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު (ހުސޭނުބެ) މަނިކު ރަހީނުކުރުމަށް ފަހު މަރާލި މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދެވޭގޮތެއް ވަނީ ނުވެފަ އެވެ.

އެ މައްސަލަ ލަސްވަމުންދާތީ ހުސޭނުބޭގެ އާއިލާގެ ފަރާތުންނާއި އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ އާއިލާގެ ފަރާތުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.