ދަ ހޭގް (ޖަނަވަރީ 20): ހޮލެންޑްގައި ޖަލަށް ލެވޭ ކޮންމެ ގައިދީއެއްގެ އަތުން ދުވާލަކު 16 ޔޫރޯ ސަރުކާރަށް ނެގުމާބެހޭ ގާނޫނެއްގެ ދެލިކޮޕީ (ބިލެއް) ތައްޔާރުކުރަމުން ގެންދާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ހޮލެންޑްގެ ޖަސްޓިސް މިނިސްޓްރީގެ ތަރްޖަމާނަކު ވިދާޅުވީ ގައިދީން ޖަލަށްދަނީ އެ މީހުން ގަސްދުގައި ކުރާކުށްތަކުގެ ސަބަބުން ކަމަށްވާ އިރު ގައިދީންނަށް ޖަލުން ހިޔާވަހިކަންދީ ކާބޯތަކެއްޗާއި ބޭސްފަރުވާއާއި އެނޫންވެސް އިންސާނުން ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ގައިދީންނަށް ހިލޭ ފޯރުކޮށްދިނުމަކީ ސަރުކާރަށް ތަހައްމަލް ކުރަން ޖެހޭ ޚަރަދުތަކެއްކަމަށް ވެގެންނުވާނެ ކަމުގައެވެ. އެހެންކަމުން ގައިދީންނަށް ޖަލުގައި ސަރުކާރުން ކުރަން ޖެހޭ ޚަރަދުގެ ބައެއް އެމީހުން އަތުން ނެގުން ހުއްދަކުރާ ގާނޫނެއް ޑްރާފްޓްކޮށް މިއަހަރު ކުރީކޮޅު ބިލެއްގެ ގޮތުގައި ޕާލަމެންޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ހޮލެންޑްގެ ޖަސްޓިސް މިނިސްޓްރީން ބުނެ އެވެ.

ހޮލެންޑްގެ ޖަލުތަކާއި ގައިދީންނާ ބެހޭ އިދާރާ ބުނާ ގޮތުން އެގައުމުގެ ޖަލުތަކުގައިވާ ގައިދީންގެ ތެރެއިން ކޮންމެ މީހަކަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ ޔޫރޯ ޚަރަދުކުރަންޖެހެ އެވެ. މިއީ ތާއަބަދަށް ސަރުކާރަށް ތަހައްމަލް ކުރަން ދަތި ޚަރަދުތަކެކެވެ. އަދި ގައިދީއެއްގެ އަތުން ދުވާލަކު 16 ޑޮލަރު ނެގުމަކީ އެމީހުންނަށް ކުރަން ޖެހޭ ޚަރަދުތަކާއަޅާބަލާ އިރު ވަރަށް ކުޑަ މިންވަރެއް ކަމަށް ވެސް އެއިދާރާއިން ބުނެ އެވެ.

ހޮލެންޑްގެ ޖަލުތަކުގައި ގައިދީންގެ ގޮތުގައި 12،000 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. ގައިދީން އަތުން ދުވާލަކު 16 ޔޫރޯ ނެގުމާބެހޭ ބިލް ފާސްވެއްޖެ ނަމަ 2015 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން މިކަން ތަންފީޒުކުރަން ފަށާނެކަމަށް ވެސް އެގައުމުގެ ޖަސްޓިސް މިނިސްޓްރީން ބުނެއެވެ. ދުވާލަކަށް 16 ޔޫރޯ ދައްކަން ނުލިބޭ ގައިދީން ލައްވައި މަސައްކަތްކުރުވައިގެން ވެސް އެ އަދަދަށް ފައިސާ ހޯދުމާއި ޖަލަށްލެވޭ ކުޑަކުދިންގެ ބެލެނިވެރިޔާ އަތުން މިއަދަދަށް ފައިސާ ހޯދުންވެސް މިކަމާބެހޭ ގާނޫނުގެ ޑްރާފްޓްގައި ހިމަނާނެ ކަމަށް ހޮލެންޑްގެ ޖަސްޓިސް މިނިސްޓްރީން ބުނެ އެވެ.

ހޮލެންޑްގެ ގައިދީންގެ އަތުން ދުވާލަކު 16 ޔޫރޯ ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ވަރަށްބޮޑަށް ފާޑުކިޔާފަ އެވެ. މިއީ ގައިދީންގެ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށްވެސް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ގެންދަނީ ސިފަކުރަމުންނެވެ. (ޔޫޕީއައި)