20 Jan 2014, 16:24
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ބަލަމުންދިޔަ މާފަންނު ގެއެއްގެ ތެރެއިން ހިމާޔަތްކޮށްފައިވާ ޖަނާވާރެއް ކަމަށްވާ "ސްލޯ ލޮރިސް"އެއް ފެނިއްޖެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހެނދުނުން ފެށިގެން ބަލައި ފަސްކުރަމުން އަންނަ މ. ޒިލިއަންގޭގެ ތެރެއިން ސްލޯ ލޮރިސް ފެނުނީ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހަދާފައިވާ ގުދަނެއްގެ ތެރޭ ކޮއްޓަކަށްލައި ބަންދުކޮށްފައި އިންދަ އެވެ.
ސްލޯ ލޮރިސް އަކީ ހިމާޔަތްކޮށްފައިވާ ޖަނާވަރުތަކުގެ ތެރޭ ހިމެނޭ ޖަނަވާރެކެވެ. ރާއްޖެ ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)ގެ ދަށުން ސްލޯ ލޮރިސްއަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ.
ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ 33،000 ޖަނަވާރާއި ދޫނި ސޫފާސޫފީގެ ލިސްޓުގައި ސްލޯ ލޮރިސް ހިމެނެ އެވެ. ރާއްޖެއިން ސައިޓީސް މުއާހަދާގައި ބައިވެރިވެފައިވުމުން ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރާއި ދޫނި ސޫފާސޫފީގެ ނަސްލަށް ގެއްލުން ނުވާނެ ގޮތަށް ރާއްޖެއިން އަމަލު ކުރަންޖެހެ އެވެ.
http://www.sun.mv/albums/l_22386.jpg
ފުލުހުން އަދިވެސް ދަނީ ޒިލިއަންގެ ބަލާ ފާސްކުރަމުންނެވެ. އެގޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ މެޝިނެއް ވެސް ވަނީ ފެނިފަ އެވެ.